ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް އަމިއްލަ މެންބަރުންނާއި އެހެން ޕާޓީތަކުގެ ބައެއް މެންބަރުން ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ރީކޯ މޫސާ މަނިކު ކަމަށެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ނަންތައް މަޖިލީހަށް ހުށަހަޅާފައިވާ ގޮތުގެ ތަފްސީލްތަކަށް އަލިއަޅުއްވާލައްވައި އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހަށް މިނިވަން މެންބަރެއްގެ ގޮތުގައި ހޮވިވަޑައިގެންނެވި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. އަދި ގައުމީ ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އާދިލާއި ޑީއާރްޕީގެ ޕާމެންޓްރީގެ ގްރޫޕްގެ ދެ މެންބަރުން ކަމުގައިވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވެސް އެމްޑީޕީއާ ގުޅިވަޑައިގެނެވި ކަމަށެވެ.

މަޖިލީހުގެ ޗުއްޓީގައި މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޕާޓީތަކުގެ ގޮނޑިތައް މަޖިލީހުގައި ބެހިފައިވާ ގޮތަށް އަލިއަޅުއްވާލައްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ގައުމީ ޕާޓީ އާއި ޖުމްހޫރީ ޕާޓީން ކުރެ ކޮންމެ ޕާޓިއަކަށް ލިބިފައި ވަނީ އެންމެ ގޮނޑިއެއް ކަމަށެވެ. އަދި ޑީއާރްޕީ/ޕީއޭ ކޯލިޝަނަލަށް މަޖިލީހުގައި ލިބިފައި ވަނީ 32 ގޮނޑި ކަމަށާއި އެއީ ޑީއާރްޕީއަށް 25 ގޮނޑި އަދި ޕީއޭގެ ހަތް ގޮނޑި ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީ އަށް 34 ގޮނޑި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.