07 Sep 2016, 10:25
ސަންއާ (ސެޕްޓެމްބަރު 7): އެމެރިކާ އަސްކަރިއްޔާ އިން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގައި އަލްގައިދާއަށް ނިސްބަތްވާ 13 ހަނގުރާމަވެރިއަކު މަރުވެފައިވާ ކަމަށް އެމެރިކާ އަސްކަރިއްޔާ އިން ބުނެފި އެވެ.
ޔޫއެސް ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ އަސްކަރިއްޔާ އިން ވަނީ ޔަމަނުގެ ޝަބްވާހަށް އޮގަސްޓް 24 ހާއި ސެޕްޓެމްބަރު 4ކާ ދެމެދު ތިން ހަމަލާއެއް ދީފަ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ޔަމަނު ހަނގުރާމައިން ފައިދާ ނަގައިގެން އަލްގައިދާ އިން ދަނީ އެގައުމުގެ ބިންތައް ހިފަމުންނެވެ.
"އަރަބިއަން ޕެނިންސުލާގައި ހަރަކާތްތެރިވާ އަލްގައިދާގެ ވިއުގަތަކަށް ހަމަލާ ދިނުމުން އެޖަމާއަތުން އެމެރިކާ، އެމެރިކާގެ ރައްޔިތުންނަށް އަދި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކަށް ހަމަލާ ދޭން ރޭވުމާއި ހަމަލާ ދިނުން ހުއްޓުވޭނެ،" ސެންޓްރަލް ކޮމާންޑުގެ ބަޔާނުގައިވެ އެވެ.
ޔަމަނުގެ ސަރުކާރާއި އިދިކޮޅު ހޫޘީންނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 6،600 އަށް ވުރެ ގިނަ މީހުން މަރުވެ، 2.5 މިލިއަން މީހުން ގެދޮރު ނެތިފައިވާ ކަމަށް އިންސާނީ ހައްގުތަކާ މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެ އެވެ. (ބީބީސީ)