02 Jun 2011, 09:03
ސަންޢާ : ރައްޔިތުންގެ އުތުރި އެރުމަކާ ގުޅިގެން ވެރިކަން ވެއްޓުމުގެ ބިރު ހީވެފައިވާ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙުގެ ބާރުތަކާއި އިދިކޮޅު ލީޑަރެއް ކަމަށްވާ ސާދިޤުލްއަޙްމަރުގެ ބާރުތަކާ ދެމެދު ވެރިރަށް ސަންޢާގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި 37 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެއެވެ.
ޔަމަންގެ ސިއްޙީ ދާއިރާއާ ޙަވާލާދީ އޭއެފްޕީ ބުނިގޮތުގައި ސަންޢާގެ އަލްހިސްބާ ސަރަޙައްދުގައި އިއްޔެރޭ ހިނގި ހަތިޔާރުގެ ކުރިމަތިލުންތަކުގައި 37 މީހަކު ވަނީ މަރުވެފައެވެ.
ޔަމަންގެ ރައީސް ސާލިޙުގެ ބާރުތަކާއި އިދިކޮޅު ޤަބަލީ ލީޑަރެއް ކަމަށްވާ ސާދިޤުލްއަޙްމަރުގެ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާތާ ދެތިން ދުވަސްވެފައިވާއިރު މިކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 44 އަށް އަރާފައެވެ.
އަނެއްކޮޅުން ސާދިޤުލްއަޙްމަރުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ވަނީ ވެރިރަށް ސަންޢާގައިވާ ސާލިޙްގެ ސަރުކާރުގެ މަދަނީ އަދި އަމްނާބެހޭ ބައެއް މުއައްސަސާތަކަށް ވަދެގަނެ އެތަންތަން ހިފާފައެވެ.
މީގެއިތުރުން ސާދިޤުލްއަޙްމަރުގެ ބާރުތަކުންވަނީ ސަންޢާގައި ހުންނަ ރައީސް ސާލިޙްގެ ޕާޓީގެ މައިމަރުކަޒުވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. ރައީސް ސާލިޙްގެ ބާރުތަކުން ގެންދަނީ ސާދިޤުލްއަޙްމަރުގެ ބާރުތައް އެތަންތަނުން ނެރުމަށްޓަކައި ބާރުގެ ބޭނުންކުރަމުން ކަމަށާއި މިކަމުގެ ސަބަބުން ސަންޢާގައި އަހްލީ ހަނގުރާމައެއް ފެށިފައިވާ ކަމަށް މަންޒަރު ދުށްމީހުން ސިފަކުރެއެެވެ.
އަނެއްކޮޅުން ރައީސް ސާލިހްގެ ބާރުތަކުންވަނީ ޔަމަންގެ ދެކުނުގައިވާ ޒެންޖިބާރު ސަރަޙައްދަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ސާލިޙްގެ ސަރުކާރުން ބުނަނީ ދެކުނުގެ ޒެންޖިބާރު ސަރަޙައްދަށް ޙަމަލާދިނީ އެތަނުގައި ޙަރަކާތްތެރިވާ އަލްޤާޢިދާގެ ހަނގުރާމަވެރިންނަށް ކަމުގައެވެ.
ޒެންޖިބާރުގައި ހަރަކާތްތެރިވާ އަލްޤާޢިދާގެ ހަނގުރާމަވެރިންނާއި ރައީސް ސާލިޙްގެ ބާރުތަކާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ސާލިޙްގެ ސިފައިންގެ 13 މީހަކު މަރުވިކަން ޔަމަންގެ ސަލާމަތީ ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ. (ނޫސްއެޖެންސީތައް)