07 Sep 2016, 09:30
ހަލަބު(ސެޕްޓެމްބަރު 7): ސީރިއާ ސަރުކާރުގެ ފައުޖުތަކުން ހަލަބަށް ކްލޮރިން ގޭސް ޖަހާފައިވާ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ސީރިއަން ސިވިލް ޑިފެންސް (އެސްސީޑީ)ން ތުހުމަތު ކޮށްފި އެވެ.
އެސްސީޑީން ބުނި ގޮތުގައި ސަރުކާރުގެ ހެލިކަޕްޓަރުތަކުން ވަނީ ކްލޮރިން ގޭސް ހިމެނޭ ހަތަރު ސިލިންޑަރު ހަލަބުގެ ސުކާރީ ސަރަހައްދަށް ވައްޓާފައެވެ. އަދި އެ ހަމަލާގައި އެކަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ.
ލޯރަތް ވުމާއި، ނޭވާ ލާން އުނދަގޫ ވުމަށް މަގު ފަހި ކުރުވާ ކްލޮރިން ގޭހަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ދުނިޔޭގެ ކެމިކަލް ވެޕަންސް ކޮންވެންޝަން އިން މަނާކޮށްފައިވާ ގޭހެކެވެ.
އެ ހަމަލާއާ ގުޅިގެން އެސްސީޑީ އާއި ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީ އިން ވަނީ ކްލޮރިން ގޭހުގެ އަސަރު ކުރި ކުޑަކުދިންނަށް ނޭވާ ލާން އުނދަގޫ ވުމުގެ ސަބަބުން އޮކްސިޖެން މާސްކު ބޭނުންކޮށްގެން ނޭވާލާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައްކާލާފައެވެ.
ސީރިއާ ސަރުކާރުން އަބަދުވެސް ވަނީ ކްލޮރިން ގޭސް ބޭނުން ނުކުރާ ކަމަށް ބުނެފައެވެ. ނަމަވެސް މިދިޔަ މަހު ޔޫއެން އިން ކުރިއަށް ގެންދިޔަ ތަހުގީގަކުން ދެއްކި ގޮތުގައި ސީރިއާ ސަރުކާރުން ވަނީ ދެފަހަރެއްގެ މަތިން ކްލޮރިން ގޭސް ބޭނުންކޮށްގެން ހަމަލާތައް ދީފައެވެ. (އަލްޖަޒީރާ)