07 Sep 2016, 09:13
ހުސްވި އޮގަސްޓު މަހު ރިލީޒް ކުރި ރިތިކް ރޯޝަންގެ "މޮހެންޖޯ ދާރޯ" ބެއްލެވުމަށް ފަހު، ޕާކިސްތާނުގެ ކަލްޗަރ، ޓޫރިޒަމް އެންޑް އެންޓިކިޓީސް މިނިސްޓަރު ސަރްދާރް އަލީ ޝާހް ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެންފިއެވެ.
ފިލްމު ބެއްލެވުމަށްފަހު މިނިސްޓަރު އަލީ ޝާހް ވިދާޅުވީ އެ ފިލްމަކީ ހަގީގަތް އޮޅޭ ގޮތަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.
އާޝުތޯޝް ގޮވާރިކަރު ޑައިރެކްޓު ކުރި އެ ފިލްމަކީ މޮހެންޖޯ ދާރޯގެ ތާރީޚަށް ކޮށްފައި އޮތް މަލާމާތެއް ކަމަށާއި، ފިލްމުގައި ހިމަނާފައި ވަނީ ޑައިރެކްޓަރުގެ ޚިޔާލީ ކަންކަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެކަމަށް މަޢާފަށް އެދެން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، ފިލްމާ ގުޅިގެން ފާހަގަވި ކަންކަން ކަމާބެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.
ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ނުލިބުނު "މޮހެންޖޯ ދާރޯ"އަށް ކުރިން އުންމީދު ކުރެވުނު ވަރުގެ ތަރުހީބެއް ވެސް ލިބިފައެއް ނުވެއެވެ.