07 Sep 2016, 08:52
ބަންޑާރަ މިސްކިތް ކައިރީ ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ މަތިން މީހަކު ވެއްޓި މަރުވެއްޖެއެވެ.
މިއަދު ހެނދުނު 7:30 ކަންހާއިރު ހިނގި ހާދިސާގައި މަރުވެފައިވަނީް 35 އަހަރުގެ މުހައްމަދު ހައިލަމް، މ. އީނާޒް އެވެ. އާއިލާއިން މައުލޫމާތު ދޭގޮތުގައި އޭނާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިޝަލް އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ، އޭނާ ވެއްޓުނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރު ވަނަ ފަންގިފިލާއިން ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ.
"ވެއްޓިފައި އޮތީ ޓްރޭޑް ސެންޓަރު އެތެރެ ގޯތި ތެރެއަށް. ސީންއަށް ފުލުހުން ދިޔައިރު ވިންދުހުރި. ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރު ކޮޅެއް ތެރޭގައި މަރުވީ،" އިސްމާއިލް ވިދާޅުވިއެވެ.
އެއިމާރާތަކީ އަމިއްލަ ފަރާތްތަކުގެ އޮފީސްތައްވެސް ހިންގާ އިމާރާތެކެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ވެއްޓި މަރުވީ އެސްޓީއޯ މުވައްޒަފެއް ނޫންނެވެ.
އެސްޓީއޯއިން ބުނީ އެކަމާއި ގުޅިގެން އަދި ވަކި އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ.