ރާއްޖެ އަތުން 4-0ގެ ބޮޑު ތާފާތަކުން ބަލިވުމުން އެ ނާތީޖާއާމެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަމިއްލަ ގައުމުގައި ކުޅޭ މެޗު ކާމިޔާބު ކުރަން މަސަތްކަތް ކުރާނެ ކަމަށް ލާއޯސް ޓީމުގެ ކޯޗު ވަލަކޮނޭ ފޮމްފަކްޑީ ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ފުރަތަމަ ލެގްގައި މާލޭގައި ރޭ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗަަށް ފަހު ވާހަކަ ދައްކަމުން ވަލަކޮނޭ ބުނީ އެ މެޗަށް ނުކުތީ ރާއްޖެއާ އެއްވަރު ކޮށްލުމަށް ކަމަށާއި ނަމަވެސް ބޮޑު ތަފާތަކުން ބަލިވުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ ކަމުގެ އުންމީދު ކުޑަ ވެއްޖެ ކަމަށެވެ.

"މި މެޗުގެ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތް ދެން. މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ މަގު ކިތަންމެ ހަނި ނަމަވެސް އަމިއްލަ ގައުމުގައި ކުޅޭ މެޗުގައި ޓީމުގެ ފަރާތުން ތަފާތު ކުޅުމެއް ފެންނާނެ،" ވަލަކޮނޭ ބުންޏެވެ.

އޭނާ ބުނީ ދިގު ދަތުރެއް ކޮށްފައި އައުމުން އެކަމުގެ އުނދަގޫ ވެސް ޓީމަށް ކުރިމަތިވި ކަމަށާއި ދެވަނަ ލެގަށް ނުކުންނާނީ މިއަށް ވުރެން ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ.

އޭޝިއަން ކަަޕް ޕްލޭ އޮފް އިން ލާއޯސް ޖާގަ ހޯދަން ބޭނުންނަމަ ދެވަނަ ލެގްގެ މެޗުގައި އެ ޓީމް ރާއްޖޭގެ މައްޗަށް 5-0ގެ ނަތީޖާ އަކުން ކުރި ހޯދަން ޖެހޭނެއެވެ.