އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ފުރަތަމަ މެޗު ބޮޑު ތަފާތަކުން ރާއްޖެ އިން ލާއޯސްގެ މައްޗަށް ހޯދި ކާމިޔާބީއަކީ މުޅި ޓީމްގެ ބުރަ މަސަތްކަތުން ލިބުނު ކާމިޔާބީއެއް ކަމަށް ގައުމީ ޓީމްގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް ބުނެފިއެވެ.

ލާއޯސްގެ މައްޗަށް 4-0ގެ ނަތީޖާ އަކުން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ އެ ކާމިޔާބީ އަކީ ވަކިވަކި ކުޅުންތެރީންގެ އެކަނި މަސަތްކަތް ނޫން ކަމަށާއި އެއީ މެޗު ފެށިގެން މުޅި ޓީމުން ކުރަމުން ދިޔަ ބުރަ މަސަތްކަތުގެ ނަތީޖާ ކަމަށެވެ.

"އެއްވެސް ވަރަކަށް އަހަރެން ބޭނުމެއް ނޫން މި މެޗުގެ ކްރެޑިޓް ނަގާކަށް. ޓީމުގައި ވެސް ވަކިވަކި ހުނަރުވެރި ކުޅުންތެރިންތަކެއް އެބަ ތިބި. ނަމަވެސް މިރޭގެ ކާމިޔާބީގެ ފަހަތުގައި ވަނީ މުޅި ޓީމު،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ އިދިކޮޅަށް ނިކުތް ލާއޯސް އަކީ މޮޅު ޓީމެއް ކަމަށާއި ރޭގެ މެޗުގެ ކޮންޓްރޯލް ލިބުނީ ރާއްޖޭގެ ޓީމުން މޮޅަށް ކުޅެ ގެއްލޭ ބޯޅަތައް ހޯދަން ކުރި މަސަތްކަތްތަކުގެ ސަބަބުން ކަމަށެވެ.

"ތަމްރީން ތަކުގައި ވެސް ޓީމުގެ ފަރާތުން ފެނިފައި ވަނީ ވަރަށް ރަނގަޅު ރޫހެއް. އެ ރޫހްގައި ވަރަށް މޮޅަށް ކުޅެ މޮޅުމިވީ،" ސްޓެވާޓް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ދެ ވަނަ ލެގުގެ މެޗު އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭނީ ލާއޯސްގައެވެ.