07 Sep 2016, 10:50
ސެންޓްރަލް ޕާކުގައި ހިޔާވަހި ކަމެއް ލިބޭ ގޮތަށް ހެދުމަށް ހަމަޖެހިފައިވާ ކެނޮޕީގެ ޑިޒައިން ކުރުމުގެ މުބާރާތުގެ ނަތީޖާ ރޭ ފާޅުކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނީރިން އެންޑް ޓެކްނޮލޮޖީގައި އާކިޓެކްޗާ ކިޔަވާ ކުދިންނާއި، ސިވިލް އިންޖިނީރިން ކިޔަވާ ކުދިން އެއްކޮށްލައިގެން 35 ދަރިވަރުން ބައިވެރިވެފައިވާ އެ މުބާރާތުގައި ތަފާތު ހަ ޑިޒައިނެއް ހުށަހަޅާފައިވެ އެވެ. ހަ ގްރޫޕަކަށް ބަހާލައި ހަ ޑިޒައިނެއް ހުށަޙަޅާފައިވާއިރު އެތަނުން އެންމެ މޮޅު ތިން ޑިޒައިން ހޮވާފައިވެ އެވެ. އަދި އެންމެ މޮޅު ތިން ޑިޒައިން ތައްޔާރުކުރި ގްރޫޕްތަކުގެ ކުދިންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
އެ މުބާރާތުން އެއްވަނައަށް ދިޔަ "އަބަދަށްފެހި" ގްރޫޕަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު، އެއްވަނައަށް ހޮވުނު ޑިޒައިން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ކެނޮޕީއަށެވެ.

ކެނޮޕީ ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު ކެނޮޕީގެ ސްޓްރަކްޗާ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރު އޮފް ފައިނޭންސް އަލީ ޝަރީފް 'ސަން' އަށް ވިދާޅުވީ އެ މުބާރާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ކޮމިއުނިޓީ އެންގޭޖު ކުރުން ކަމަށާއި، ކޮމިއުނިޓީގެ ހިޔާލުތަކަށްވެސް ފުރުސަތު ދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ މުބާރާތުން ފެނިގެން ދިޔައީ ވަރަށް ރަނގަޅު ޑިޒައިންތަކެއް ކަމަށާއި، އެކަމުގެ ސަބަބުން އެފަދަ އިތުރު މުބާރާތްތައް ބޭއްވުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަކަމަށެެވެ.
"އަޅުގަނޑުމެން މިބަލަނީ ވީހާވެސް ބޮޑަކަށް ކޮމިއުނިޓީ އެންގޭޖް ކޮށްގެން ހާއްސަކޮށް އެބޭފުޅުންގެ ހިއްސާއާއެކު ޑިވެލޮޕްމެންޓުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް،" އަލީ ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ ޑިޒައިން އިތުރަށް ތަރައްގީ ކުރުމަށްފަހު ވަރަށް އަވަސް މުސްތަގުބަލެއްގައި ސެންޓްރަލް ޕާކުގައި ކެނޮޕީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްއެންޔޫއާއި އެޗްޑީސީ ގުޅިގެން ބޭއްވި ކެނޮޕީ ފަރުމާ ކުރުމުގެ މުބާރާތުގައި ފަރުމާކޮށްފައިވާ ކެނޮޕީތައް ތައްޔާރުކޮށްފައިވަނީ ތިން ދުވަސް ތެރޭގައި އެއް ހޯލެއްގައި ހުރިހާ ދަރިވަރުން ތިބެގެން އައިޑިއާތައް ތަރައްގީ ކޮށްގެންނެވެ.
ކެނޮޕީ ޑިޒައިންކުރުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން ރޭ އެމްއެންޔޫގައި ކުރިއަށް ގެންގޮސްފައިވާއިރު، މިއަހަރު އޭލެވެލް ނިންމި ކުދިންނަށް ވަނީ ޕިއްޒާ ޕާޓީ އެއްވެސް ރޭ އެ ޔުނިވާސިޓީގައި ބާއްވާފައިވެ އެވެ.