02 Jun 2011, 09:01
ޓްރިޕޮލީ : ގައްޒާފީގެ ބާރުތަކުގެ ނުރައްކަލުން ލީބިޔާގެ ޢާންމު ރައްޔިތުން ޙިމާޔަތް ކުރުމުގެ ނަމުގައި ނޭޓޯގެ ޢަސްކަރީ މަތިންދާބޯޓުތަކުން ދެމުންގެންދާ ޙަމަލާތަކުގައި 700 އަށްވުރެ ގިނަ ޢާންމުން މަރުވެފައިވާކަން ލީބިޔާ ސަރުކާރުން ހާމަކޮށްފިއެވެ.
ލީބިޔާ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމް ވިދާޅުވިގޮތުގައި ނޭޓޯގެ ޢަސްކަރީ މަތިންދާބޯޓުތަކުން ދެމުންގެންދާ ހަމަލާތަކުގެ ތެރޭން ބައެއް ޙަމަލާތައް ލީބިޔާގެ މަދަނީ މުއައްސަސާތަކަށާއި ޢާންމުންގެ ގެދޮރަށް އަރާފައިވާ ކަމަށާއި މިޙަމަލާތަކުގައި 700 އަށްވުރެ ގިނަ އާންމުން މަރުވެ 4000 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމުގައެވެ.
ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ޓީވީންވަނީ ނޭޓޯގެ ޙަމަލާތައް އަރާފައިވާ މަދަނީ މުއައްސަސާތަކާއި ތަންތަނުގެ ފޮޓޯތަކާއި މަންޒަރުތައް ދުރަށް ދައްކާފައެވެ. މީގެތެރޭގައި ވިޔަފާރި ބަނދަރުތަކާއި އާގުބޯޓުތަކާއި ހޮސްޕިޓަލްތަކާއި ބްރިޖްތަކާއި ބައެއް ޢިމާރާތްތައް ހިމެނެއެވެ.
ނޭޓޯގެ ޙަމަލާތަކުގައި ލީބިޔާގެ ޢާންމުން އެއްގޮތަކަށްވެސް މަރުނުވާނެ ކަމަށް ނޭޓޯއިން ވެސް ބުނެފައެއް ނުވެއެވެ. ނަމަވެސް ގައްޒާފީގެ ސަރުކާރުން ބުނާމިންވަރަށް އެހަމަލާތަކުން އާންމުން މަރުނުވާނެ ކަމަށް ނޭޓޯގެ ކޮމާންޑުން ބުނެއެވެ.
ނޭޓޯގެ ޙަމަލާތައް ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތަންތަނަށްވެސް ބައެއްފަހަރު އަމާޒުވެ އެޙަމަލާތަކުގައި ގައްޒާފީއާ އިދިކޮޅު ހަނގުރާމަވެރިންވެސް މަރުވެފައިވެއެވެ. ނޭޓޯގެ ޙަމަލާތައް ގައްޒާފީއާ އިދިކޮޅު ހަނގުރާމަވެރިންނަށާއި ލީބިޔާގެ މަދަނީ ބައެއް ތަންތަނަށް އަމާޒުވެފައިވަނީ އޮޅުމަކުން ކަމަށް ނޭޓޯ އިން ބުނެއެވެ.
ގައްޒާފީގެ ބާރުތަކުގެ ކިބައިން ލީބިޔާގެ ޢާންމު ރައްޔިތުން ޙިމާޔަތް ކުރުމުގެ ނަމުގައި ނޭޓޯއިން ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ވައިގެ ޙަމަލާތައް ދޭންފަށާފައިވަނީ މިދިޔަ މާރޗް މަހުގެ މެދުތެރޭގައެވެ. (ބީ.ބީ.ސީ)