މުޅިންވެސް ސިންގަޕޫރުގެ ވާހަކައެވެ. ތަރައްގީގެ ކޮންމެ މަޝްރޫއަކާއެކީވެސް އެގައުމުން މިސާލެވެ. ފާޑު ކިޔާ މީހުންވެސް އަޅާ ކިޔަނީ ހަމަ އެގައުމާއެވެ. ކަމެއް ގޯސްކޮށް ދާ ކޮންމެ ފަހަރަކު "މިއީ ހަމަ ސިންގަޕޫރު ދޯ" މިސުވާލު އެބަކުރެއެވެ. ސިންގަޕޫރުން މިސާލު ނެގުން މިއަދު މާއާންމުވެފައިވީނަމަވެސް މިއީ މީގެ ކުރީ ސަރުކާރުތަކުގައިވެސް ހިނގާ ކަމެކެވެ. ރައްޔިތުން ރުއްސަން ބޭނުންވާ ކޮންމެ ފަހަރަކު ސިންގަޕޫރުން މިސާލު ދެއްކުމަކީ ވެރިންގެ އާދައެކެވެ. ރާއްޖެ ސިންގަޕޫރަކަށް ހެދުމުގެ ވިސްނުމަކީ އެއްވެސް ޝައްކެތް ނެތް ގޮތުގައި މަރުހަބާ ކިޔާން ޖެހޭ ވިސްނުމެކެވެ. އެކަން ކޮންމެ ދިވެއްސަކު ވެސް ބޭނުން ވާނެ އެވެ. ނަމަވެސް ގަބޫލު ކުރާން ޖެހޭ ހަގީގަތަކީ ސިންގަޕޫރަކަށް ވާން ބޭނުން ނަމަ ކުރާން ޖެހޭ ކަންކަން ގިނަ ކަމެވެ.

ކޮންމެ ރައްޔިތެއްގެ ބޮލަށް 55,182.48 ޑޮލަރު ޖެހޭ ސިންގަޕޫރަކީ ދުނިޔޭގައި އޮތް އެންމެ ހިތް ފަސޭހަ އެއްގައުމެވެ. ދުނިޔޭގެ ކޮރަޕްޝަން މަދު ލިސްޓްގެ އަށް ވަނައިން ޖާގަ ހޯދައެވެ. ރައްޔިތެއްގެ ބޮލަށް 6,665 ޑޮލަރު ޖެހޭ މި ރާއްޖެ ކޮރަޕްޝަންގެ އިންޑެކްސްގައި ނުހިމެނީ މައުލޫމާތު ހިއްސާ ނުކުރާތީއެވެ. ރާއްޖެ އެކޭ އެއްފަދަ އިގްތިސާދީ ގުދުރަތީ ވަސީލަތްތައް މަދު ސިންގަޕޫރަކީ ދިރިއުޅެން އަރާމު ގައުމެވެ. އެގައުމުގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދިގެން އުޅޭކަށްނުޖެެހެއެވެ. އެއީ ނަސީބުވެރިންނެވެ. އެމީހުން އެހިސާބަށް ދިޔައީ އެގައުމަށް ލިބޭ އާމްދަނީން ރައްޔިތުންގެ ތަރައްގީ އަށް އިންވެސްޓް ކުރީމައެވެ. ގައުމުގެ ނަފާ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ގެނައުމަށް ބޭނުން ކުރީމައެވެ.

ސިންގަޕޫރުގެ މިސާލުން މިސާލު ދައްކާ މިރާއްޖޭގެ ވެރިކަންތަކަށް ބަލާލާއިރު މުޅިން ފެންނަނީ ހަޑިއެވެ. ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ، އޮޑިޓަރު ޖެނެރަލް ނެރެފައިވާ އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު އޭރު އެމްޑީޕީއިން ތުހުމަތުކުރި މައުމޫންގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ފައިސާއިންނާއި މުދަލުން ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންނަށްވުރެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ކަންތައްތަކަށް ޚަރަދު ކުރުން އިސްކޮށްފައިވާ ކަން ވަނީ ފަޅާއަރާފައެވެ. އެވެރިކަމަށް ފާޑުކިޔައި އައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަންވެސް ހަމައެފަދައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން ރައީސް ނަޝީދުގެ އެސަރުކާރުގެ ކޮރަޕްޝަން ހަތަރު ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. މިއަދުގެ ސަރުކާރަށް ބަލާއިރު އެމްއެމްޕީއާރުސީގެ ހިޔާނަތުން އެކަނިވެސް 3.5 ބިލިއަން ރުފިޔާ މިވަނީ ދައުލަތުން ގެއްލިފައެވެ.

ހަމަ އެކަނި އެމްއެމްޕީއާރްއެސްގެ ކޮރަޕްޝަންގެ އަމަލުތަކުގައި ހިމެނޭ ފައިސާއަށް ހިޔާނާތްތެރި ނުވެ ރައްޔިތުންނަށް ހަރަދުކުރި ނަމަ ކިތައްމެ ރަށެއްގައި ހޮސްޕިޓަލް އަދި އެއާޕޯޓްވެސް އެޅޭނެއެވެ. ކޮންމެ ރަށެއްގައި ތައުލީމީ ނިޒާމާއި ނަރުދަމާ އާއި ފެންވެސް ގާއިމް ކުރެވޭނެއެވެ. ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތަށް އެކަނި ބެލިނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ހަތް މަސްދޯނި ގަނެދެވޭނެއެވެ. އެހެން ނަމަވެސް ގައުމަށް ޚިޔާނާތްތެރި ބަޔަކު ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނެގީ އެމީހުންގެ އަމިއްލަ އެދުން ބޮޑުވެ ގައުމާ މެދު އިޚުލާސްތެރިކަމެއް ނެތީމައެވެ.

ސިންގަޕޫރުގެ ތަރައްގީގެ ވާހަކަ ދައްކާއިރު އެގައުމުގައި ކަރަޕްޝަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ގިނައެވެ. އެގައުމަށް ތަރައްގީ ލިބިފައިއެވަނީ ވަރަށް ފުރިހަމަ ފިޔަވަޅުތަކެއް އަޅައިފައިވާތީ އެވެ. ވަކީން ޚާއްސަ ގޮތެއްގައި ކަރަޕްޝަން ހުއްޓުވުމަށެވެ.

ސިންގަޕޫރު ތަރައްގީވީ ކިހިނެއް؟

ސިންގަޕޫރުން ކޮރަޕްޝަން ނައްތާލާފައިވާއިރު ދެފުށް ފެންނަ ސިޔާސަތެއް ގާއިމު ކުރުމުގައި ސަރުކާރާއި މުޖުތަމައު އަދި، އަމިއްލަ ފަރާތްތަކާއި ސިވިލް ސާވިސްއިން މުހިއްމު ދައުރެއް އަދާކުރެއެވެ. އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ ސަރުކާރުނެވެ.

ސިންގަޕޫރުން އެކި ގައުމުތަކަށް ކަނޑައަޅުއްވާ އެމްބެސެޑަރެއްކަމަށްވާ ވަރުގީސް މެތިއު ވިދާޅުވާގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ހަދާފައިވާ ގާނޫނުތައް ތަސްދީގު ކުރުމަށް ސަރުކާރުން އިސްކަން ނުދޭ ނަމަ ކޮރަޕްޝަން ނައްތާލުމަށް ވަރަށް އުނދަގޫ ވާނެ އެވެ.

"ސިންގަޕޫރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ އިސް ސިޔާސީ ފަރާތްތަތައް، ކޮރަޕްޝަނަށް ފުރުސަތު ނުދިނުމަށް ސަރުކާރުގެ އިދާރާތައް ބަލައި، ކޮރަޕްޝަނަށް މަގުފަހި ވަނީ ކީއްވެގެންތޯ ބަލައި އެކަންތައްތައް ރަނގަޅު ކުރޭ." ވަރުގީސް ވިދާޅުވިއެވެ.

އެކަށީގެންވާ ތައުލީމެއް ނުވަތަ ތަޖުރިބާއެއް ނެތް މީހުން މަގާމްތަކަށް އިސްކޮށްފައިވާނަމަ ހިދުމަތަށްވުރެ އެމީހުން އިސްކުރާނީ އަމިއްލަ ޖީބު ބޮޑު ކުރުންކަން ޔަގީނެވެ. ރާއްޖެއިން ވެސް އެކި ދުވަސްވަރަށް ބަލާ އިރު އެކަން ފެނެއެވެ. ސިންގަޕޫރުން ކޮރަޕްޝަން ދަށްކުރެވިފައިވާ އިތުރު ސަބަބުތައް ހާމަކުރަމުން ވަރުގީސް ވިދާޅުވީ އެގައުމުގައި ވަޒީފާތައް ދިނުމުގައި ބަލަނީ ވަޒީފާތައް ލިބެންޖެހޭ ހައްގު މީހުންނަށް ވަޒީފާ ދިނުން ކަމަށެވެ. ރާއްޖޭގައި އެކަން އެހެން ކުރާން ރައީސަކަށް ހުންނަވާ ބޭފުޅަކު ބޭނުންވިޔަސް ސިޔާސީ ނިޒާމު އޮތް ގޮތުން މަލްޓިޕާޓީ ސިސްޓަމެއްގައި އެތައް ބައެއްގެ ހިތް ރުއްސަން މި އޮންނަނީ ޖެހިފައެވެ. އެ ޕްރެޝަރު މި ސަރުކާރުން ވެސް ފެނެ އެވެ. ނަތީޖާ އަކަށް ވެގެން ދަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާ ކިތަންމެ ކަމެއް ވެސް އެމަނިކުފާނު ލައްވައި ސިޔާސީން ކުރުވުމެވެ. އޭގެން ގައުމަށް ލިބޭނެ ގެއްލުމަށް އެކަން ކުރުވާ މީހުން ނުވިސްނައެވެ.

ކޮރަޕްޝަނާއި ދެކޮޅަށް ވަރުގަދަ މުއައްސަސާއެއް!

ސިންގަޕޫރުގައި ކޮރަޕްޝަނާ ދެކޮޅު މައި އޭޖެންސީއަކީ، ކޮރަޕްޓް ޕްރެކްޓިސެސް އިންވެސްޓިގޭޝަންސް ބިއުރޯ (ސީޕީއައިބީ) އެވެ. އެބިއުރޯއަކީ ބާރުގަދަ މުއައްސަސާއެކެވެ. އެބިއުރޯގެ ޑިރެކްޓަރު ޖަވާބު ދެއްވާނީ ސީދާ ބޮޑުވަޒީރަށެވެ. އެފަރާތްތަކުގެ ތަހުގީގަށް އެއްވެސް ފަރާތަކަށް ބާރެއް ނުފޯރުވެއެވެ.

އެބިއުރޯއަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުން ގައުމުގެ ކޮންމެ މީހަކުވެސް ސުވާލު ކުރުމަށް ހާޒިރު ކުރެވެއެވެ. ޝައްކު ކުރެވޭ ގޮތަކަށް ފައިސާ ހޯދާފައިވާ މީހުންނާ ސުވާލު ކުރުމުގެ ބާރު ލިބިގެންދެއެވެ.

ރާއްޖެއަށް ބަލާއިރުވެސް ދައުލަތުން ހަރަދުކުރާ މުއައްސަސާތައް އެބަހުއްޓެވެ. އޮޑިޓާ ޖެނެރަލް އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) ފަދަ މުއައްސަސާތައް އުފައްދާފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެ މުއައްސަސާތަކަށް ދެވޭ ބާރު އިތުރުކުރާން ޖެހެ އެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވީ ދައުލަތުގެ އޮފީސްތަކުން މާލީ ބަޔާން ހުށަނޭޅި ނަމަވެސް އެކަމުގައި ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ކަމަށެވެ. ގާނޫނުތަކުން އެބާރެއް ނުލިބެއެވެ. މަދު ބަޔަކު މާލީ ބަޔާން ހުށަހެޅި ނަމަވެސް އެއީ ހަގީގަތް ކަމެއް ވެސް ބެލޭނެ އެކަށިގެންވާ ނިޒާމެއް ނޯވެއެވެ.

ޓްރާންސް ޕޭރަންސީގެ ޕްރޮގުރާމް މެނޭޖަރު މުހައްމަދު ތޯރިގް ހާމިދު ވިދާޅުވިގޮތުގައި ގާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ނުފޫޒު ނުފޯރުވޭ އެކަށީގެންވާ ބާރު މިނިވަން މުއައްސަސާތަކަށް ދޭން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މަދަނީ މިނިވަންކަން އޮތް މާހައުލެއް ގާއިމް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮރަޕްޝަނާއި ނަހަމަ މުއްސަނދިކަން ނުހުއްޓުވިގެން އުޅެނީ ގާނޫނެއް ނެތިގެން ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ނުހައްގުން މުއްސަނދިވާ މީހުން އެ މީހުން އެ ފައިސާ ހޯދި ގޮތް ސާބިތުކޮށްދޭން ޖެހޭއިރު ރާއްޖޭގައި އެކަން އޮތީ އަނެއްކޮޅަށް ކަމަށް ލުތުފީ ވިދާޅުވިއެވެ.

މިސަރުކާރަކީ ރައްޔިތުންގެ މަޖިލީހުގެ ސާފް މެޖޯރިޓީއާއެކު ހިންގަމުންދާ ސަރުކާރަކަށްވާއިރު ކޮރަޕްޝަން ހުއްޓުވުމުގައި ސަރުކާރުން މިސާލް ދައްކަންޖެހެއެވެ. ފާއިތުވި ތަނަށް ބަލާ އިރު ސަރުކާރު ތެރޭގައި ކޮރަޕްޝަން ހިންގި ބައެއް ފަރާތްތަކުގެ ތަހުގީގު ވަނީ މި ސަރުކާރު އިސްވެ އޮވެ ހިންގައިފައެވެ. އެ ގޮތުން ރައީސް ޔާމީންގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާއެސްގެ އެމްޑީ ޒިޔަތުގެ މައްސަލަ އާއި އިތުރު ބައެއް ފަރާތްތަކުގެ މައްސަލަ ހިމެނެ އެވެ. އެކަމަށް މަރުހަބާ ކިޔަމެވެ. ފާއިތުވި ސަރުކާރުތަކަށް ބަލާ އިރު އަމިއްލަ ސަރުކާރު ތެރޭގެ ކަރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރުވިތަން ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެން ކަމުން މި ވިސްނުންފުޅު ތަކުރާރު ކުރައްވައި، ކޮރަޕްޝަނަށް ހުޅުވޭ ކޮންމެ ދޮރެއް ބަންދު ކުރުމުގެ ސިޔާސަތެއް ދާއިމަށް ގާއިމު ކުރައްވައިފި ނަމަ ދިވެހިރާއްޖެ އަށް ވެސް ރައީސް ޔާމީން އެ ވިދާޅުވާ ފަދަ ސިންގަޕޫރަކަށް ނުވެވެންވީ ސަބަބެއް ނެތެވެ.