02 Jun 2011, 08:54
ކެންބަރާ : ފާއިތުވެދިޔަ ވިހި އަހަރު ތެރޭގައި އޮސްޓްރޭލިޔާގެ އިޤްތިސާދު ފުރަތަމަ ފަހަރަށް އަޑިއަޅާލައިފިއެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ނެރުނު އިޤްތިސާދީ ތަފާސްހިސާބުތަކެއް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތަރުމަސްދުވަހުގެ ތެރޭގައި އޮސްޓްރޭލިޔާގެ އިޤްތިސާދީ ކުރިއެރުންވަނީ 1.2 އިންސައްތަ ދަށަށްގޮސްފައެވެ. އަދި ވޭތުވެދިޔަ ވިހި އަހަރު ތެރޭގައި ދަށަށްގޮސްފައިނުވާ ނިސްބަތަކަށް މިމުއްދަތުގައި އޮސްޓްރޭލިޔާގެ ޖީ.ޑީ.ޕީ. ނުވަތަ ޤައުމީ އާމްދަނީވެސް ދަށަށް ގޮސްފައިވާ ކަމަށް މި ތަފާސްހިސާބުތަކުން ހާމަވެއެެވެ.
މިކަމަށް ރައްދު ދެމުން އޮސްޓްރޭލިޔާ ސަރުކާރުން ނެރުނު ބަޔާނެއް ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު އެޤައުމުގެ އިޤްތިސާދަށް އެރި ލޮޅުންތަކުގެ ފަހަތުގައިވަނީ ކްއީންސްލޭންޑާއި އޮސްޓްރޭލިޔާގެ ހުޅަނގުގެ ޕްރޮވިންސް ތަކަށްއެރި ތޫފާންތަކާއި ޤުދްރަތީ ކާރިޘާތަކުން ލިބުނު ގެއްލުންތަކެވެ.
ހުޅަނގުގެ ޕްރޮވިންސްތަކަކީ އޮސްޓްރޭލިޔާގައި ޤުދްރަތީގޮތުން އެންމެ މުއްސަނދި ސަރަޙައްދުތަކެވެ. އެޕްރޮވިންސްތަކަށް މިދިޔަ އަހަރުވަނީ އާދަޔާ ޚިލާފު ތޫފާންތަކެއް ކުރިމަތިވެ ފެންބޮޑުވުމުގެ ބޮޑެތި ކާރިޘާތަކަކާ ކުރިމަތިލާންޖެހިފައެވެ. މިކަމުގެ ސަބަބުން އޮސްޓްރޭލިޔާއަށްވަނީ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ގެއްލުންތައް ލިބިފައެވެ.
ދުނިޔޭގެ މުއްސަނދި ޤަމުތަކުގެ ލިސްޓްގައި ހިމެނޭ އޮސްޓްރޭލިޔާގެ އިޤްތިސާދުގެ ބޮޑުބައި ބިނާވެފައިވަނީ ސިނާޢީ އުފެއްދުންތަކަށްވުރެ ބޮޑަށް ޤުދްރަތީ ވަސީލަތްތަކުގެ މައްޗަށެވެ. (ބީ.ބީ.ސީ+ނޫސްއެެޖެންސީތައް)