ގިނަ ވަގުތު ފޯނު ކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިލޭ ގުޅާލުމަށް މިނިޓް ލިބޭ އެޑްއޮންއަކާއި 50 ޕަސަންޓު ޑިސްކައުންޓް ލިބޭ އެޑްއޯން އެއް އުރީދޫއިން ތައާރަފްކޮށްފި އެވެ.

ރާއްޖެއަށް މުވާސަލާތީ ހިދުމަތް ދެމުންދާ އުރީދޫއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރި އެ ދެ އެޑްއޯން އަކީ "ފްރީ މިނިޓްސް ޕެކް" އަދި "ރޭޓްކަޓާ ޕެކް" އެވެ.

ރާއްޖެއަށް އަބަދުވެސް އައު ހިދުމަތްތައް ތައާރަފް ކުރަމުން އަންނަ އުރީދޫއިން ތައާރަފް ކުރި ދެ އެޑްއޮންގެ ތެރެއިން "ފްރީ މިނިޓްސް ޕެކް" އެކްޓިވޭޓް ކުރުމުން ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށް ވެސް ގުޅުމަށް ހިލޭ މިނެޓް ލިބިގެންދާނެ އެވެ.

އެ އެޑްއޯންގައި ތިން ޕެކޭޖެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދުވަހުގެ ޕެކޭޖަކާއި، 10 ދުވަހުގެ ޕެކޭޖެއް އަދި 15 ދުވަހުގެ ޕެކޭޖެކެވެ. ތިން ދުވަހުގެ ޕެކޭޖު 30 ރުފިޔާ އަށް ލިބޭ އިރު، އެ ޕެކޭޖު އެކްޓިވޭޓް ކުރުމުން ހިލޭ ގުޅާލުމަށް 30 މިނިިޓް ލިބޭނެ އެވެ. އަދި 10 ދުވަހުގެ ޕެކޭޖު 50 ރުފިޔާއަށް ލިބޭ އިރު، އެ ޕެކޭޖުން ލިބެނީ ހިލޭ ގުޅުމަށް 65 މިނިޓެވެ. އުރީދޫގެ ފްރީ މިނިޓްސް ޕެކްގެ 15 ދުވަހުގެ ޕެކޭޖުގައި ލިބެނީ ހިލޭ ގުޅުމަށް 145 މިނިޓެވެ. އެ ޕެކޭޖުގެ އަގަކީ 100 ރުފިޔާއެވެ.

އުރީދޫއިން ތައާރަފް ކުރި ދެވަނަ އެޑްއޯން "ރޭޓްކަޓާ ޕެކް" މެދުވެރިކޮށް ކަސްޓަމަރުންނަށް މުޅި ދުވަހު ކޮންމެ ނެޓްވޯކަކަށް ގުޅާލަންވެސް 50 ޕަސަންޓާއި ހަމައަށް އަގުހެޔޮވާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ރޭޓްކަޓާ ޕެކްގައިވެސް ތިން ޕެކޭޖެއް ހިމެނެ އެވެ. އެއީ 30 ރުފިޔާގެ ޕެކޭޖަކާއި، 50 ރުފިޔާގެ ޕެކޭޖެއްގެ އިތުރުން 100 ރުފިޔާގެ ޕެކޭޖެކެވެ. އޭގެ ތެރެއިން 30 ރުފިޔާގެ ޕެކޭޖު ފިޔަވައި ދެން ހުރި ޕެކޭޖްތަކުގެ މުއްދަތަކަށް އެއް މަސް ދުވަސް ލިބޭއިރު، 30 ރުފިޔާގެ ޕެކޭޖުގެ މުއްދަތަކަށް ލިބެނީ 15 ދުވަހެވެ. އެ ޕެކޭޖުތަކުގެ ތެރެއިން 30 ރުފިޔާގެ ޕްކޭޖު އެކްޓިވޭޓް ކުރުމުން މިނިޓަކު 89 ލާރީގެ ރޭޓުން ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށްވެސް ގުޅާލެވޭނެ އެވެ. އަދި 50 ރުފިޔާގެ ޕެކޭޖުން މިނިޓަކު 69 ލާރިއަށް، 100 ރުފިޔާގެ ޕެކޭޖުން 49 ލާރިއަށް ރާއްޖޭގެ ނެޓްވޯކްތަކަށް ގުޅާލެވޭނެ ކަމަށްވެސް އުރީދޫއިން ބުނެ އެވެ.

އުރީދޫގެ ހެޑް އޮފް ވޮއިސް ޕްރޮޑަކްޓްސް އަރުޝަދު ޝާކިރު ވިދާޅުވީ އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ ހަޔާތަށް ފުރިހަމަ ކަމެއް ގެނެސްދިނުން ކަމަށެވެ.

"އުރީދޫގެ އަމާޒަކީ އާންމު ދިރިއުޅުމުގައި ފަސޭހަކަން ފޯރުކޮށްދޭ ހިދުމަތްތަކާއި ހައްލުތަކެއް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން. އަޅުގަނޑުގެ އުއްމީދަކީ ރޭޓްކަޓަރ ޕެކް އަދި ފްރީ މިނިޓްސް ޕެކްއަކީ ދިވެހިންނަށް ކަމުދާ އަދި ފައިދާކުރާނެ ހިދުމަތްތަކެއް ކަމުގައި ވުން،" އަރުޝަދު ވިދާޅުވި އެވެ.

އެ ދެ އެޑްއޯން "ފްރީ މިނިޓްސް ޕެކް" އަދި "ރޭޓްކަޓާ ޕެކް" އެކްޓިވޭޓު ކުރުމަށް #15*929* އަށް ގުޅުއްވާ ބޭނުންފުޅުވާ ޕެކް އިހްތިޔާރުކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެ އެވެ. އަދި ރޭޓްކަޓާ ޕެކް އެކްޓިވޭޓް ކުރުމަށްފަހު #21*200* އަށް ގުޅާލުމުން ބެލެންސް އާއި ވެލިޑިޓީ ފެނިގެންދާނެ އެވެ. އަދި ފްރީ މިނިޓްސް ޕެކްގެ މައުލޫމާތު ބެއްލެވުމަށް #21*929* ގުޅުއްވުމުން ފެނިވަޑައިގަންނަވާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.