06 Sep 2016, 19:09
ޏ. ފުވައްމަލުކު ފަރަށް އެރި ވިއެޓްނާމުގެ ބޯޓުގައި ހުރި ހިލަ އާއި ހިލަވެލި މޫދަށް އެޅުމުގެ ހުއްދަ ދިނީ ބޯޓު ފުން ކުރުމަށްޓަކައި އިތުރު އެހެން އެއްވެސް މަގެއް ނުފެނުމުން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.
އީޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ބޯޓު ފަރަށް އަރާފައިވާ ކަނޑުގެ މާހައުލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ހިލަ އާއި ހިލަވެލި ނޫން އެހެން އެއްޗެއް މޫދަށް ނޭޅުމަށް އަންގާފައިވާނެ ކަމަށެވެ.
"ބޯޓު ފުން ކުރުމަށް އެޅިފާނެ އެންމެ ރަނގަޅު ފިޔަވަޅަކީ ބޯޓު ލުއި ކުރުމަށް، ބޯޓުގައި ހުރި ހިލަ އާއި ހިލަވެލި އެ ސަރަހައްދުގެެ ފަރާއި ކަނޑުގެ ސަރަހައްދަށް އެޅުމަށްފަހު ބޯޓު ލުއި ކުރުމެވެ،" ބޯޓު ފުންކުރުމާ ގުޅޭ ގޮތުން ވުޒާރާތަކާއެކު ކުރި މަޝްވަރާތައް ހާމަކޮށްފައިވާ އީޕީއޭގެ ބަޔާނުގައިވެ އެވެ.
ފުވައްމުލަކު ފަރަށް އެރި "އެންޖީއޯސީ ސަން"އަށް ބަރުކޮށްފައި ހުރި ހިލަ އާއި ހިލަވެލި މޫދަށް އެޅުމަކީ "މި ހާލަތުގައި" ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަ ކުރުމަށް އެޅިދާނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ހިލަ އާއި ހިލަވެލި މޫދަށް އެޅުމުގެ ހުއްދަ ދެވިފައި ވަނި ބޯޓު ފުންކުރުމަށްޓަކައި އިތުރު އެހެން އެއްވެސް މަގެއް ފެނިފައި ނުވުމުގެ ސަބަބުން ބޯޓު ފަޅައިގެން ގޮސް ހެވީ ފިއުލް އާއި އެހެނިހެން މުދަލުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބިދާނެ އިއާދަ ނުކުރެވޭ ގެއްލުން ނުހަނު ބޮޑުވެދާނެތީ މި ހާލަތުގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެޅިދާނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށްވާތީ އެވެ،" އީޕީއޭއިން ނެރުނު ބަޔާނުގައިވެ އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އެރީ މިދިޔަ މަހު 13 ވަނަ ދުވަހު އެވެ. އެ ބޯޓު އަރާފައި ވަނީ ފުވައްމުލަކުގެ ދެކުނު ފަރާތު ފަރަށެވެ.
އެ ބޯޓް ފުން ކުރުމުގެ މަސައްކަތް ކުރަނީ ސިންގަޕޫރު ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.