06 Sep 2016, 19:46
ހއ. މުރައިދޫގެ ހުޅަނދު ދެކުނުން ބީޗު ސަރަހައްދުގައި އޮތް ބިމެއްގައި ގެސްޓްހައުސް އަޅައި ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.
މުރައިދޫ ކައުންސިލުން ބުނީ، އެ ރަށު ހުޅަނގު ދެކުނު ބީޗުގައި ގެސްޓްހައުސެއް އަޅައި އޮޕަރޭޓު ކުރުމަށް 45،579 އަކަ ފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުން ވިދާޅުވީ، އެ ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ދައުވަތު ދޭ ކަމަށެވެ.
އެ ކައުންސިލުން ބުނީ، ބިން ކުއްޔަށް ދޫކުރުމަށް އެގްރިމެންޓު ހަދާ ދުވަހުން ފެށިގެން 50 އަހަރު ދުވަހުގެ މުއްދަތަށް ބިން ދޫކުރާ އިރު، އަމަލީ މަސައްކަތް ފެށުމަށްޓަކައި 24 މަސް (ދެ އަހަރު) ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނޭނެ ކަމަށެވެ.
މުރައިދޫ ކައުންސިލުން 2،000 ރުފިޔާއަށް ބިޑު ޑޮކިއުމެންޓު ވިއްކަން ފަށާ އިރު، އެ ކައުންސިލުން ބުނީ ބިޑު ޑޯކިއުމެންޓް މިއަދުން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ރަސްމީ ގަޑީގައި މުރައިދޫ ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.
ބިޑު ޑޮކިއުމެންޓު ގަނެފައިވާ ފަރާތްތަކަށް 29 ސެޕްޓެމްބަރުގައި ޕްރީ ބިޑު މީޓީންގްއެއް އޮންނަ އިރު، ބިޑު ހުށަހަޅަން ޖެހޭނީ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ކުރިން ކަމަށް މުރައިދޫ ކައުންސިލުން ބުނެ އެވެ.