ގާހިރާ (ސެޕްޓެމްބަރު 6): މިސްރުގެ ސަލާމަތީ ފައުޖުތަކުން ގަސްތުގައި ގެއްލުވާލާ މީހުން އިތުރުވަމުން ދިޔުމުގެ ސަބަބުން އެކަން ހުއްޓުވުމަށް އެ ގައުމުގެ އެންޖީއޯއެއް ކަމަށްވާ އިޖިޕްޝަން ކޮމިޝަން ފޯ ރައިޓްސް އެންޑް ފްރީޑަމް (އީސީއާރުއެފް) އިން ހާއްސަ އެޕްލިކޭޝަނެއް ލޯންޗުކޮށްފި އެވެ.

އައިޕްރޮޓެކްޓްގެ ނަން ދީފައިވާ އެއެޕް އެންޑްރޮއިޑް ފޯނުތަކުން ހިލޭ ޑައުންލޯޑު ކުރެވޭނެ އެވެ. އަދި އެ މީހަކު ހައްޔަރު ކުރަން މަސައްކަތް ކޮށްފި ނަމަ ފޯނުގައި ހާއްސަ ކޯޑެއް ޖެހުމުން ތިން މީހަކަށް މެސެޖަކާއެކު އެމީހަކު އެވަގުތު ހުރި ތަނެއްގެ ތަފްސީލު ފޮނުވޭނެ އެވެ. ހަމަ އެ މައުލޫމާތު އީސީއާރުއެފްއަށް ވެސް ދާނެ އެވެ.

އީސީއާރުއެފްއިން އުއްމީދު ކުރަނީ ހައްޔަރުކޮށްފައިވާ މީހެއްގެ ރައްކާތެރިކަން ޔަގީން ކުރުމަށް އަޅާ ފިޔަވަޅުތައް އެ މެސެޖުތަކުގެ ސަބަބުން އަވަސް ވެގެން ދާނެ ކަމަށެވެ.

"އެކްޓިވިސްޓެއް ނުވަތަ މުޒާހަރާ ކުރާ މީހެއް ހައްޔަރު ކުރިކަން ވީހާވެސް އަވަހަށް އެންގުމުން، އެމީހަކު ގެއްލުވާލުން ނުވަތަ އެމީހަކަށް އަނިޔާ ކުރުމުގެ ފުރުސަތު ކުޑަވޭ،" އީސީއާރުއެފް އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވި އެވެ.

އީސީއާރުއެފްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ތެރޭގައި މިސްރުގެ 1،250 މީހަކު ވަނީ ގެއްލިފަ އެވެ. ނަމަވެސް މިސްރުގެ ސަރުކާރުން ވަނީ އެ ގައުމުގައި މީހުން ގެއްލުވާލާ ކަމަށް ބުނާ ރިޕޯޓުތަކަކީ ދޮގު ހަބަރުތައް ކަމަށް ބުނެފަ އެވެ. (ގާޑީއަން)