06 Sep 2016, 16:56
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާ އެކު ބޮޑު ބައްދަލުވުމެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް އިންޑަސްޓްރީ ކޮންފެރެންސްގެ ނަމުގައި މި މަހުގެ 27 އަދި 28 ވަނަ ދުވަހު ބާއްވާ ބައްދަލުވުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުން ކުރިޔަށް ދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ސެޕްޓެމްބަރު 27 ވަނަ ދުވަހު އޮންނާނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނަށް ބާއްވާ "ހައި ލެވެލް ޓޫރިޒަމް އިންޑަސްޓްރީ ފޯރަމް" އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ފޯރަމްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ސަރުކާރުގެ ސިޔާސަތު ކަނޑާއަޅާ ލެވެލްގެ ބޭފުޅުން ބައްދަލުކޮށް، ސިޔާސަތުތައް ކަނޑައެޅުމުގައި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދާނެ ކަމަށެވެ.
ސެޕްޓެމްބަރު 28 ވަނަ ދުވަހު އޮންނާނީ ޑެސްޓިނޭޝަން މާކެޓިންގް އެންޑް ޕްރޮމޯޝަން ކޮންފަރަންސްގެ ނަމުގައި ކުރިއަށްދާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ޓޫރިޒަމް މާކެޓިން ދާއިރާގެ އިސް ފަރާތްތަކާއި ރިސޯޓުތަކުގެ އިސް ފަރާތްތައް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ އިރު ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން ބާއްވާ އެންމެ ބޮޑު ބައްދަލުވުން ކަމަށެވެ.
އެ ކޮންފަރަންސްގައި ބޭރުގެ ބައެއް ފަރާތްތައް ވެސް ތަގުރީރު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.