ގަތަރު އެއާވޭސްއަށް ކެބިން ކްރޫއިން ރެކްރޫޓު ކުރުމަށްޓަކައި ރާއްޖޭގައި ރެކްރޫޓުމަންޓް ހަރަކާތެއް ބާއްވަން ހަމަޖެހިއްޖެއެވެ.

ގަތަރު އެއާވޭސްއިން އެ އެއާލައިންގެވެބްސައިޓުގައި ކޮށްފައިވާ އިއުލާނެއްގައިބުނެފައިވަނީ މި ރެކްރޫޓްމެންޓް އިވެންޓު އޮންނާނީ މި ހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހު، ހުޅުލޭ އައިލެންޑް ހޮޓެލްގައި ކަމަށެވެ.

ގަތަރުގެ ގައުމީ އެއާލައިނަށް ދިވެހި ކެބިން ކްރޫއިން ރެކްރޫޓު ކުރުމަށް ބާއްވާ ހަރަކާތާ ގުޅޭގޮތުން ގަތަރު އެއާވޭސްއިން ބުނީ، އެ މަގާމަށް ކުރިމަތިލުމަށް އަންނަ ކުދިންގެ އުމުރުން 21 އަހަރު ވެފައިވާ، އަދި އިސްކޮޅުގައި 212 ސެންޓިމީޓަރު ހުންނަން ޖެހޭނެ ކަމަށެވެ.

އަދި ދަށްވެގެން ސާނަވީ ފެންވަރަށް ކިޔަވައި، އިނގިރޭސި ބަހުން ފަސޭހަކަމާ އެކު ލިޔަން ކިޔަން ދަންނަން ޖެހޭނެ ކަމަށް ގަތަރު އެއާވޭސްއިން ބުނެއެވެ. މީގެ އިތުރުން، އެ ކުއްޖަކީ އެހެން ގައުމުތަކުގެ ތަފާތު މީހުންނާ އެކު މަސައްކަތް ކުރަން ޝައުގުވެރިވާ، ސިއްހަތާއި ފިޓްނެސް ރަނގަޅު ކުއްޖަކަށް ވާންޖެހޭނެ ކަމަށާއި، ގަތަރުގެ ވެރިރަށް ދޯހާއަށް ދިރިއުޅުން ބަދަލުކުރުމަށް އިއުތިރާޒެއް ނެތް ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް ގަތަރު އެއާވޭސްއިން ބުނެއެވެ.

އެ އެއާލައިނުން ބުނީ، ކެބިން ކްރޫއިން ރެކްރޫޓު ކުރުމަށް ބާއްވާވޯކް އިން އިންޓަވިއުހަރަކާތަށް ކެންޑިޑޭޓުން އަންނަ އިރު ސީވީ، ޕާސްޕޯޓުގެ ކޮޕީ، ޕާސްޕޯޓު ފޮޓޯއަކާއި ފުލް ލެންތު ފޮޓޯއަަކާއި، ތައުލީމީ އެންމެ މަތީ ސެޓްފިކެޓުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ.

ގަތަރު އެއާވޭސްއިން ބުނާ ގޮތުގައި، ބުރާސްފަތި ދުވަހު ވޯކް އިން އިންޓަވިއުތައް ކުރިޔަށް ދާނީ މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. އަދި ހުކުރު ދުވަހު ކުރިޔަށް ދާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

ގަތަރު އެއާވޭސްއިން ރާއްޖެއާ ދުނިޔޭގެ ބޮޑެތި ބައެއް ސިޓީތަކާ ގުޅައިލައެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޮސްޓަން، ނިއު ޔޯކް، އިޓަލީގެ ރޯމް އަދި މިލާން، ޔޫކޭގެ ލަންޑަން، ޖަރުމަނުގެ ފްރެންކްފާޓް އަދި ފްރާންސްގެ ވެރިރަށް ޕެރިސް ހިމެނެއެވެ.