06 Sep 2016, 15:51
ހަވީރީ ހިނގުމުގައި ހުންނަ އެމްޑަބްލިއުއެސްސީގެ އޭރިއާއެއްގައި މާލެއަށް ފެން ފޯރުކޮށްދިނުމަށް އިތުރު ފެންޕްލާންޓެއް ބެހެއްޓުމަށްޓަކައި ބޭނުންވާ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް އަލާފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަލާފް ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޝްރަފް ހަމީދެވެ.
ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ، މިއަދު ހަދަން ހަވާލުކުރި އިމާރާތުގައި ގަޑިއަކު 2000 ލީޓަރުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބެހެއްޓޭނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ފޭސް އެކެއްގެ އިމާރާތުގައި ގަޑިއަކު 5000 ލީޓަރުގެ ފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓް ބެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ.
މިއަދު ސޮއިކުރީ އެހެން ފެން ޕްލާންޓެއް ބެހެއްޓުމަށް އިމާރާތް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ކަމަށް ފަޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ 3.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ. އެ މަސައްކަތް 150 ދުވަސްތެރޭ ނިންމާ ހަވާލުކުރަން ޖެހޭކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ، އެ މަސައްކަތްތަކުގެ ސަބަބުން ކުރިއަށްއޮތްތާނގައި ފެނުގެ ސެކިއުރިޓީ ގާއިމްވާނެ ކަމަށާއި އެމަޖެންސީ ހާލަތްތަކުގައި ވެސް އަދި މާލެއަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގައި ވެސް ޑީސެންޓްރަލައިޒް އުސޫލުން މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތްތާގައި މި ގުޅާލެވެނީ ބްރިޖް މެދުވެރިކޮށް އަޅުގަނޑުމެންގެ ފޭސް ވަންގަ އިންނަ މެގާ ޕްރޮޑަކްޝަން ފެސިލިޓީއާ. އެހެންނަމަވެސް ކޮންމެ ޕްރޮޑަކްޝަން ސެންޓަރަކީ ވެސް ހަމަ އޭގެ ޒާތުގައި އިންޑިޕެންޑެންޓްކޮށް ރަން ކުރާނެ ޕްރޮޑަކްޝަން ސެންޓަރުތަކެއް. މާނައަކީ އެމަޖެންސީ ހާލަތްތަކުގައި ވެސް ކޭޓާ ކުރާނެއޭ އަދި ޑިމާންޑަށް ފޯރުކޮށް ދިނުމުގައި ވެސް ކޭޓާ ކުރާނެއޭ،" ފަޒުލް ވިދާޅުވިއެވެ.
އަލާފް ކޮންސްޓްރަކްޝަންސްގެ މެނޭޖިން ޑިރެކްޓަރު އަޝްރަފް ހަމީދު ވިދާޅުވީ، އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައިވާ ގޮތަށް ނިންމަންޖެހޭ މުއްދަތުގައި ނިންމައި އެމްޑަބްލިއުއެސްސީއާ ހަވާލުކުރާނެ ކަމަށެވެ.