ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ ގުޅިގެން މޫޑީޒް އިންވެސްޓާ ސާވިސުން ދީފައިވާ ބީޓޫ ރޭޓިން އަކީ އެއްވެސް ވަރަކަށް އުފާކުރަން ޖެހޭ ވަރުގެ ރޭޓިން އެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

މޫޑީޒް އިންވެސްޓާސް ސާވިސުން ނެރުނު ރިޕޯޓާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ގަމު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މޫޑީޒުން ސަރުކާރަށް ދީފައިވާ ރޭޓިންއަކީ ރަނގަޅު ރޭޓިންއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މޫޑީޒުން ދީފައިވާ ރޭޓުގެ މާނަ ސަރުކާރުން އޮޅުވާލައިފައިވާ ކަމަށެވެ.

"މޫޑީޒުން މި ބުނަނީ ދައުލަތަށް ލޯނު ކަލޭމެން ދީފިއްޔާމު އެ ނުލިބުމުގެ ޗާންސު އަސްލު މާ ބޮޑޭ، އެ ލިބުމަށް ވުރެ. އެހެންވީމާ ކޮބައިތޯ މީގެ މޮޅު ކަމަކީ. ހަގީގަތުގައި އެ ރޭޓިން ނުނަގާ އޮތްނަމަ މާ ރަނގަޅުވީސް ދެއްތޯ. ދެން އޮތް ސުވާލަކީ މިއީ ރަނގަޅު ފެށުމެކޭ. ރޭޓިންއެއް އޮތުން. ރޭޓިންއެއް އޮތުން މުހިއްމު. ދައުލަތަކުން ބޭރުގެ ދަރަނި ނުވަތަ ލޯނު އެއްޗެހިން ހޯދާކަމަށްވާ ނަމަ. އެކަމަކު އަޅުގަނޑުމެންނަށް މި ގައުމުން ފެންނަ ކަންކަމުން އެބަ އިނގޭ ރަނގަޅު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަކީ ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުން ނުދެކޭ ވަރުގެ "ދޯހަޅި" ސިޔާސަތެއް ކަމެށެވެ. އޭނާ ވިދާޅުވީ ގައުމެއްގެ އިގްތިސާދު ކުރިއަރައިގެން ދާނީ ޕްރައިވެޓު ސެކްޓާ ނުވަތަ އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައިގެން ދިއުމުން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވި އެވެ.

"ކުރިއެރުވުމުގެ ބަދަލުގައި ޕްރައިވެޓު ސެކްޓާއަށް ހުރަސް އެޅޭ ފަދަ ކަންކަން ކުރައްވަމުން ސަރުކާރުން ގެންދެވީ. މިސާލަކަށް ރިއަލް އީސްޓޭޓު ވިޔަފާރި، މިކަންކަމަކީ ސަރުކާރަށް ވުރެ އަމިއްލަ ފަރާތްތައް މާ ބޮޑަށް ވެސް ކުރިއަރާފައިވާ ސެކްޓާއެއް. މިހެން އޮއްވައި ސަރުކާރުން މި ހެދި އެއްޗަކީ އެޕާޓުމަންޓު ގަންނަ ފަރާތްތަކުގެ އަތުން ޖީއެސްޓީ ނަގަން ހަމަޖެއްސީ. އެކަމުގެ ސަބަބުން މިވާ ގޮތަކީ، މި ތަންތަން ގަންނަން ތިބި ރައްޔިތުންނަކީ އެހާ ފުދުންތެރި ބައެއް ނޫން. މިކަން މިހެންވީމާ އެޕާޓުމަންޓުތައް ގަންނަ މީހުން މަދުވީމަ މަސައްކަތް ކުރަން ތިބި ކުންފުނިތަކަށް ޑިމާންޑު އެބަ ކުޑަވޭ،" ފައްޔާޒު ވިދާޅުވި އެވެ.

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ޝާއިޢު ކޮށްފައިވާ އިރު، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ރޭޓިންގްތަކުން ދައްކައިދެނީ ރައީސް އަބްދުﷲ ޔާމީންގެ ހެޔޮ ވެރިކަމާއި އިގްތިސާދީ ބޮޑު ބަދަލު ކަމަށެވެ.