06 Sep 2016, 15:00
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖަށް މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި އެވެ.
ސަތާރަ ގައުމަކުން އުފައްދާ، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އެކި ޕްރޮޑަކްޓްތައް ދައްކާލުމަށް މޯލްޑިވްސް އެގްޒިބިޝަންގެ ފަރާތުން ކުރިއަށްގެންދާ އެ އިވެންޓަށް އިއްޔެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އާއި ހަމައަށް ވަނީ 1380 މީހުން ޒިޔާރަތްކޮށްފަ އެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި މޭވާއާއި ތަރުކާރީ ދައްކާލަން އަދި ރަހަ ބަލާލަން ބަހައްޓާފައި ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެގްޒެބިޝަންގައި 116 ކުންފުންޏެއްގެ އުފެއްދުންތައް 172 ސްޓޯލުން ދަނީ ދައްކާލަމުންނެވެ. ބަދިގޭގައި ބޭނުންކުރާ ބައެއް ސާމާނާއި ރިސޯޓްތަކުގައި ބޭނުންކުރާ ކޮލިޓީ ތަށި ފަދަ ތަކެތި އެތަނުން ބަލާލެވެން ހުއްޓެވެ.
އެގްޒިބިޝަން ކުރިއަށްދާ ސަރަހައްދުތަކުގެ ތެރެއިން ދަރުބާރުގޭގެ ތިރީބައިގައި ބަހައްޓާފައިވާ ސްޓޯލްތަކުން ފެންނަނީ ކާއެއްޗިއްސެވެ. ތަރުކާރީ އާއި މޭވާ އަދި ރިސޯޓްތަކުގެ ކެއުންތަކުގައި އާންމުކޮށް ބޭނުންކުރާ އެކި ބާވަތްތަކުގެ ރަހަތައް އެތަންތަނުން ބަލާލެވެ އެވެ.
މޯލްޑިވްސް އެގްޒިބިޝަންގެ އޮފިޝަލަކު ވިދާޅުވީ ހީކުރިވަރަށް ވުރެ ރަނގަޅު ތަރުހީބެއް ހޮޓެލް އޭޝިއާ އެގްޒިބިޝަނަށް ލިބެމުން އަންނަ ކަމަށެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ސްޓޯލެއް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖް ކުރިއަށްދާނީ މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ. އެގްޒިބިޝަން އަށް ވަދެވޭނީ ހެނދުނު 10:00 އިން އިރުއޮއްސި 7:00 އާ ދެމެދު އެވެ.
އޭގެ އިތުރުން ހާއްސަ ކަލިނަރީ ޗެލެންޖެއް ވެސް އެގްޒިބިޝަނާ އެކު ކުރިއަށްގެންދެ އެވެ. އެ މުބާރާތުގައި ގާތްގަނޑަކަށް 516 ޝެފުން ބައިވެރިވެފައިވެ އެވެ. ހުރިހާ ފަރާތްތަކަކީ ވެސް ރާއްޖޭގެ ރިސޯޓް އަދި ހޮޓާތަކުގައި މަސައްކަތްކުރާ، އެކި ގައުމުތަކުގެ ޝެފުންކަމަށް ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސްގެ އެމްބެސެޑަރު އަދި ފައުންޑިން މެންބަރު އަލަން ޕާލްމާ ވިދާޅުވި އެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންއާ އެކު ކުރިއަށްދާ ކަލިނަރީ ޗެލެންޖްގައި ކަަައްކާއިން ވާދަކުރަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މުބާރާތުގައި އެ ފަރާތްތަކުން 20 ކެޓަގަރީއަކުން ކާނާ ތައްޔާރުކުރާނެ ކަމަށް އަލަން ވިދާޅުވި އެވެ.
އަލަން ވިދާޅުވީ، މުބާރާތުގައި ކައްކާ ޝެފުންގެ ކެއްކުންތަކަށް ބެލުމަށް ފަހު ހާއްސަ ޖަޖުންގެ ޕެނަލަކުން އެ ކެއްކުންތަކަށް ޖަޖުކުރާނެ ކަމަށާއި އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ސެޓްފިކެޓްތަކާ އެކު އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.