05 May 2010, 10:12
ތައިލެންޑްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކާއެކު އެގައުމުގެ ބޮޑުވަޒީރު އަބީސީތް ވެޖަޖީވާ އެއްބަސްވުމަކާ ހަމައަށް ވަޑައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ވެޖަޖީވާ ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ ސުލްހައިގެ އެއްބަސްވުން ގަބޫލުކޮށް ބެންކޮކްގެ ވިޔަފާރީގެ މައިމަރުކަޒުގައި ކުރަމުންދާ މުޒާހަރާ ހުއްޓާލައިފިނަމަ ނޮވެމްބަރުމަހު އެގައުމުގައި އާ އިންތިޚާބެއް ބާއްވައިދެއްވާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސުލްހައިގެ އެއްބަސްވުން ގަބޫލުކޮށްފަ އެވެ. އަދި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ ވެސް ވަނީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ އޭނާގެ ސަޕޯޓަރުންނަށް މިއެއްބަސްވުމައިގެން ކުރިއަށް ދިޔުމަށް ގޮވާލައްވާފަ އެވެ.
ބެންކޮކްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނިގޮތުގައި މިއެއްބަސްވުމަކީ އިދިކޮޅު ފަރާތްތަކަށް ވެޖަޖީވާ ދެއްވި އެންމެ ފަހުގެ ފުރުސަތެވެ. އަދި އިއްޔެ އަކީ މިއެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުން ޖަވާބެއް ދިނުމަށް ދެއްވި ފަހު ދުވަސް ކަމަށް ވެސް އޭނާ ބުންޏެވެ.
ގާތްގަނޑަކަށް ދެމަސްދުވަސް ވަންދެން ތައިލެންޑްގައި ކުރިއަށް ދިޔަ މިމުޒާހަރާތަކުގައި 27 މީހަކު މަރުވެފައިވާއިރު އެއްހާހަށްވުރެ ގިނަ މީހުންނަށް ވަނީ ތަފާތު އަނިޔާތައް ލިބިފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭން 24 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.