06 Sep 2016, 15:14
ފުޅަނދު ބުރުގައި ޓިންކަ ބެލް ހެދުން ލައިގެންއިން އަންހެން މީހާ ހުރީ ނިވާކޮށްގެން ކަމަށާއި ޓިވީއެމުން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފި އެވެ.
މިނިވަން ދުވަހާ ގުޅިގެން މާލޭގެ މަގުތަކުގައި ކުރިއަށް ދިޔަ ފުޅަނދުބުރުގައި ޓިންކަ ބެލް ހެދުމެއްގައި އައުރަ ފެންނަ ގޮތަށް އަންހެން ކުއްޖަކު ހުއްޓައި ޓީވީއެމުން އެމަންޒަރު ލައިވް ކުރި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން ވަނީ ބްރޯޑް ކޮމްއަށް ހުށަހަޅާފަ އެވެ.
ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޓިންކަ ބެލް ހެދުމުގައި އިން އަންހެން މީހާ ހަށިގަނޑު ނިވާކޮށްފައި ވަނީ ހަމާ އެއްކުލައިގެ ބޮޑީ ފިޓަކުން ކަމަށާއި އެހެންކަމުން ޓީވީ ބެލި އާންމުންނަށް އޭނާ ސިފަވީ "އޮރިޔާމުން ހުރި އަންހެނެއް ގޮތުގައި" ކަމަށެވެ.
އެމައްސަލަ ނިންމައި ބްރޯޑްކޮމް އިން ބުނެފައި ވަނީ "އަންހެން މީހާ ބޮޑީ ފިޓަކުން ހަށިގަނޑު ނިވާކޮށްފައިވާކަން ކޮންޓެންޓް ބެލުމުން އެނގޭ" ކަމަށެވެ. އެހެންކަމުން އޭނާ ހުރީ ހަށިގަނޑު ނިވާ ނުކޮށް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅުން ހުރި ކޮންޓެންޓް ގެނެސްދީފައި ވަނީ ވެސް ބްރޯޑް ކާސްޓް ކުރުމުގެ ކޯޑު އޮފް ޕްރެކްޓިސްއާ ހިލާފަށް ނޫން ކަމަށް ބްރޯޑް ކޮމްއިން ބުނެ އެވެ.
މައްސަލަ ހުށަހެޅި ފަރާތުން އެކަމުގައި ދީނީ ގޮތުން ކަން އޮންނަ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވީ ނަމަވެސް ބްރޯޑްކޮމްގެ ނިންމުމުގައި އެކަމަށް އަލިއަޅުވާފައެއް ނުވެ އެވެ.
ފުޅަނދު ބުރު ޓީވީއެމުން ލައިވްކޮށް ދެއްކީ ޖުލައު 27 ވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.