ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ވާދަވެރި ބާސެލޯނާ އިން ފެނިދާނެ ކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ލުއިސް ފީގޯ ބުނެފިއެވެ.

ފީގޯގެ ފުޓްބޯޅަ ކެރިޔަރުގައި އޭނާ ވަނީ ބާސާ އާއި ރެއާލް މެޑްރިޑަށް ކުޅެފައެވެ. ބާސާ އަށް ކުޅެނިކޮށް 2000 ވަނަ އަހަރު ރެއާލުން ހުށަހެޅި 37.2 މިލިއަން ޕައުންޑްގެ ރިލީސް ފީގެ އަގު ދެއްކުމުން ފީގޯ ވަނީ ރެއާލަށް ސޮއިކޮށްފައެވެ. އެއީ އޭރުގެ ޓްރާންސްފާ ރެކޯޑެކެވެ. އެގޮތަށް ކުރިމަތިވެއްޖެ ނަމަ، ރޮނާލްޑޯ ވެސް ބާސާ އަށް ސޮއިކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފީގޯ ބުނެއެވެ.

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ: ބާސާ އަށް ރޮނާލްޑޯގެ ރިލީޒް ފީ ދެއްކޭ ނަމަ، އެ ކްލަބަށް އޭނާގެ ސޮއި ހޯދިދާނެ ކަމަށް ފީގޯ ގަބޫލުކުރޭ --- ފޮޓޯ: އޭޕީ

ދެ ވަނަ ފަހަރަށް ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯގެ ރިލީސް ފީއެއްގެ ގޮތުގައި ރެއާލަށް 1.25 ބިލިއަން ޕައުންޑް ދައްކަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނަމުންދާ އިރު، އެ ފީއަކީ ބާސާ އަށް ދެއްކޭނެ ވަރުގެ ފީއެއް ކަމަށް ފީގޯ ގަބޫލުކުރެއެވެ.

"ޓްރާންސްފާ މާކެޓްގައި ކޮންމެ ފަދަ ކަމެއް ވެސް ހިނގައިފާނެ. ރިލީސް ފީ ދެއްކޭ ވަރު ވެއްޖެ ނަމަ، ކޮންމެ ކަމެއް ވެސް ވެދާނެ،" ރޮނާލްޑޯއާ ބެހޭގޮތުން ޕޯޗުގަލްގެ ނޫހެއް ކަމަށްވާރެކޯޑްއަށް ދިން އިންޓަވިއުއެއްގައި ފީގޯ ބުންޏެވެ.

މީގެ 15 އަހަރު ކުރިން ބާސާ ދޫކޮށް ރެއާލަށް ފީގޯ ބަދަލުވި ދުވަސްކޮޅު ބާސާގެ ސަޕޯޓަރުންގެ ފަރާތަކުން އޭނާ އަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވިއެވެ.