06 Sep 2016, 15:10
ދުނިޔޭގެ ސްޕާތަކުގެ އަގު ވަޒަންކޮށް ދޭ ވޯލްޑް ސްޕާ އެވޯޑްސްގައި، އިންޑިއާ ކަނޑު ސަރަހައްދުގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑާއި ރާއްޖޭގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑު، ސަން ސިޔާމް އިރުފުށި ރިސޯޓުގެ "ދަ ސްޕާ ބައި ތަލްގޯ" އަށް ލިބިއްޖެ އެވެ.
މިކަން އިއުލާން ކޮށްފައި ވަނީ، އާދީއްތަ ދުވަހުގެ ރޭ، އިޓަލީގެ ފޯޓް ސާޑީނާ ރިސޯޓުގައި އޮތް ވޯލްޑް ސްޕާ އެވޯޑްސް 2016ގެ ގާލާ ހަފްލާގައި އެވެ. ވޯލްޑް ސްޕާ އެވޯޑްސްގައި އެވޯޑު ދެނީ، އަހަރު ދުވަހުގެ މުއްދަތަކަށް ދުނިޔޭގެ އެކި ސްޕާތަކުގެ ފެންވަރާއި ކުރިއެރުންތައް ބެލުމަށް ފަހު އެވެ.
މި ދެ އެވޯޑާ ހަވާލުވެލެއްވީ، ސަން ސިޔާމް އިރުފުށީގެ ސޭލްސް ރެޕްރެސެންޓޭޓިވް، ޕަޓްރީޒިއާ ޑި ޕަޓްރީޒިއޯ އެވެ.
ސަން ސިޔާމް އިރުފުށީގެ ސްޕާ، "ދަ ސްޕާ ބައި ތަލްގޯ"އަށް، އިންޑިއާ ކަނޑުގެ ބެސްޓް ސްޕާއާއި ރާއްޖޭގެ ބެސްޓް ސްޕާގެ އެވޯޑު ލިބުމާ ގުޅިގެން، ސަން ސިޔާމް އިރުފުށީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދު ވިދާޅުވީ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސަން ސިޔާމް އިރުފުށީގެ ސްޕާ ބައި ތަލްގޯގައި ފަތުރުވެރިއަކު ޚިދުމަތް ހޯދަނީ -- ފޮޓޯ/ ސަން ސިޔާމް އިރުފުށި
"ވޯލްޑް ސްޕާ އެވޯޑްސްގައި ލިބުނު މި ދެ އެވޯޑަކީ އަޅުގަނޑުމެންގެ މެހެމާނުންނަށް ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދޭން އަޅުގަނޑުމެން ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެއް،"
އޭނާ ވިދާޅުވީ، މި އަހަރު މިހާތަނަށް ސަން ސިޔާމް އިރުފުއްޓަށް ނުވަ އެވޯޑެއް ލިބިފައިވާ ކަމަށާއި، އެ ބްރޭންޑުން މިހާރު ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އާ ބެންޗްމާކުތަކެއް ގާއިމުކުރަމުން ކަމަށެވެ.
ސަން ސިޔާމް އިރުފުށީގެ "ދަ ސްޕާ ބައި ތަލްގޯ"އަކީ ވަރަށް ތަފާތު ޓްރީޓްމެންޓުތަކެއްދޭ ސްޕާ އެކެވެ. އެތަނަކީ ރާއްޖޭގައި "ފިޝް ސްޕާ ތެރަޕީ" ދޭ ހަމައެކަނި ސްޕާ ކަން ފާހަގަ ކުރެވެ އެވެ.
ދަ ސްޕާ ބައި ތަލްގޯއިންދޭ ޚިދުމަތްތަކުގެ ތެރޭގައި އެންޓި އޭޖިންގް ފޭޝަލްސް، ބޮޑީ ތެރަޕީސް، ސްލިމިންގް ޓްރީޓްމެންޓްސް، މަސާޖު ތެރަޕީސް، އާޔުރްވެދާ ޓްރީޓްމެންޓުތަކާއި، ޗައިނީޒް އަދި ދިވެހި ޓްރީޓްމެންޓުތައް ހިމެނެ އެވެ.
މީގެ އިތުރުން ޔޯގާ، މެޑިޓޭޝަން، ޓައިޗީ، ޕްރަނަޔާމާ އަދި ޕިލާޓީސް ފަދަ ކްލާސްތައް ވެސް އެތަނުން ނަގައިދެ އެވެ.
ވޯލްޑް ސްޕާ އެވޯޑްސްއަކީ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން، ފަތުރުވެރިކަމުގެ ބައެއް ދާއިރާތަކަށް ވަކިން ޚާއްސަކޮށްގެން ތައާރަފު ކުރި އެވޯޑެކެވެ. ސްޕާ އެވޯޑްސްގެ އިތުރުން ވޯލްޑް ސްކީ އެވޯޑްސް އަދި ވޯލްޑް ގޮލްފް އެވޯޑްސް ވެސް ދެވެ އެވެ.