ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ހެއަރ ސްޓައިލަށް ގެނައި ބަދަލަކާ ގުޅިގެން ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބުނެވެ. ސްޓައިލް ބަދަލުކޮށްލުމުގެ ގޮތުން މެސީ ވަނީ އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ކުލަ އަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެ ބަދަލު ގެނައި ސަބަބު މިހާރު މެސީ ވަނީ ހާމަކޮށްފައެވެ.

ސީޒަން ފެށުމަށް ތައްޔާރުވުމުގެ ކުރިން މެސީގެ ބޮލުގެ އިސްތަށިގަނޑުގެ ކުލަ ވަނީ "ޕެލެޓިނަމް ބްލޯންޑް"އަށް ބަދަލުކޮށްލައިފައެވެ. އޭނާ އެކަން ކޮށްފައިވަނީ މިދިޔަ ސީޒަނަށްފަހު އާއިލާއާ އެކު ހޭދަކުރި ޗުއްޓީގެ ތެރޭގައެވެ.

މި އަހަރު މެސީއަށް ލިބުނު އެންމެ ބޮޑު ހިތާމައަކީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ގައުމީ ޓީމަށް ލިބުނު ނާކާމިޔާބެވެ. އެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗިލީ އަތުން އާޖެންޓީނާ ބަލިވި އިރު، ޕެނަލްޓީ ޝޫޓްއައުޓްގައި ކެޕްޓަން މެސީގެ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވެފައިވެއެވެ. އެ މެޗަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވެސް މެސީ އިއުލާން ކޮށްފައިވެއެވެ.

އާޖެންޓީނާ ތަރި ލިއޮނެލް މެސީ: އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ކުލަ އަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ސީޒަނަށްފަހު އާއިލާއާ އެކު ހޭދަކުރި ޗުއްޓީގެ ތެރޭގައި --- ފޮޓޯ: ގެޓީ

މެސީގެ ބޮލުގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްފައިވަނީ ކޮޕާ އެމެރިކާގައި ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ.

"އަހަރެން ކުރިމަތިލާން ޖެހުނު ހިތާމަވެރި ދުވަހެއްގައި އަހަރެން ބޮލުގެ ކުލަ ބަދަލުކޮށްލީ. އެއީ އާ ފެށުމަކުން ފަށަން ޖެހޭ ކަމަށް އަހަރެންނަށް ފެނިގެން. އަހަރެންގެ ވިސްނުމަށް އައީ އެގޮތަށް ކަންތައް ކުރަން،" އާޖެންޓީނާގެ ޓީވީ ޗެނެލް 'ޓެލެފޭ'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މެސީ ބުންޏެވެ.

ބޮލުގެ އިސްތަށިގަނޑުގެ ކުލަ މެސީ ބަދަލުކުރީ ކޮންމެ ސަބަބަކާ ހުރެ ކަމަށް ވިޔަސް، އެ ބަދަލާއެކު ވެސް މި ސީޒަނުގައި މިހާތަނަށް އޭނާ ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން އާޖެންޓީނާ ގައުމީ ޓީމަށް އަލުން ކުޅެން ނިންމައި، އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމު މޮޅުކޮށްދިނުމަށް އޭނާ ޖެހި ލަނޑު ފާހަގަކޮށްލެވެއެވެ.