ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ލާއޯސްއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗު ލައިކޮށް ދައްކަން ބޭނުންވާ ޗެނަލްތަކަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލައިވް ފީޑް ހިލޭ ދޫކުރަން އެ ކުންފުނިން ނިންމައިފިއެވެ. ޕީއެސްއެމުން އެގޮތަށް ނިންމީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އެދުމުގެ މަތީންނެވެ.

ޕީޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލް މިއަދު 'ސަން'އަށް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި ތައްރައްގީކުރުމަށް މަސައްކަތްކުރުމުގެ ގޮތުން، އެފްއޭއެމްއާއި ޕީއެސްއެމްއާ ދެމެދު އެއްބަސްވުމެއް ވެފައިވާ ކަމަށާއި، އެގޮތުން ގައުމީ ޓީމު ކުޅޭ މެޗުތަކުގެ ތެރޭން އެފްއޭއެމުން އެދޭ މެޗުތަކުގެ ލައިވް ފީޑު، ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް އަގަކާ ނުލައި ދޫކުރަން ޕީއެސްއެމްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

"އެންމެ ފަހުން ގައުމީ ޓީމު ކުޅުނު މެޗުގެ ލައިވްފީޑް ވެސް އަޅުގަނޑުމެން ވާނީ، އެކަމަށް އެދުނު ފަރާތްތަކަށް ހިލޭ ދޫކޮށްފައި. މިފަދަ ގައުމީ ކަންކަމުގައި އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ، ވީހާވެސް ގިނަ ބަޔަކު މިކަމުގައި ބައިވެރިކުރުވުން. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް މެޗު ބަލައިލެވޭނޭ ގޮތް ހެދުން. އެފްއޭއެމުން އެދިވަޑައިގަތް ގޮތަށް އަޅުގަނޑުމެންގެ މެނޭޖްމަންޓުން މިވަނީ، ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް އެ މެޗުތަކުގެ ލައިވް ފީޑް ހިލޭ ދޫކުރުމަށް ނިންމާފައި،" ޚަލީލު ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިރޭ ކުޅޭ މެޗުގެ ލައިވް ކަވަރޭޖް ދައްކަން ބޭނުންވާ ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ޕީއެސްއެމްގެ ލައިވް ފީޑް ދޫކުރި ނަމަވެސް، މެޗު ކުޅެމުންދާ ވަގުތު، ވިޔަފާރީގެ މަގުސަދެއްގައި އެ ފީޑް ބޭނުން ނުކުރުމަށް ޕީއެސްއެމުން އެދެއެވެ.

"ޕީއެސްއެމްގެ ލައިވް ފީޑް ބޭނުންކުރައްވަމުން ގެންދާ ގަޑީގައި، އެބޭފުޅުންގެ އިސްތިހާރު ފަދަ ކޮމާޝަލް ބޭނުންތަކަށް އެދިލައްވާނަމަ، އެގޮތަށް ރިކުއެސްޓް ކުރެއްވީމަ އަޅުގަނޑުމެން އެފްއޭއެމްއާ މަޝްވަރާކޮށް، އެބޭފުޅުން އެދިވަޑައިގަންނަވާ ގޮތަކަށް ހަމަޖައްސައިދޭނަން،" ޚަލީލް ވިދާޅުވިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގްގައި ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ 9:00ގައެވެ.