ފުވައްމުލަކު ފަރަށް އެރި ބޯޓު ފުން ކުރުމުގެ މަސައްކަތުގެ ތެރެއިން ބޯޓުގައި ހުރި ބައެއް ހިލަތައް މޫދަށް އުކާލަމުން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ހުއްދަ ދީގެން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އެރީ މިދިޔަ މަހު 13 ވަނަ ދުވަހު އެވެ. އެ ބޯޓު އަރާފައި ވަނީ ފުވައްމުލަކުގެ ދެކުނު ފަރާތު ފަރަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ބޯޓު ފުންކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ދަނީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި އޭޕީއޭގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާ އެކު އެކުންފުނިން މަޝްވަރާކުރެވިގެން ކަމަށެވެ. އަދި ފުންކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ މަޝްވަރާތަކާ އެއްގޮތަށް ކަމަށް ނާފިޒު ވިދާޅުވި އެވެ.

"އެ ބޯޓު ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތް އެއީ. އެހެން ހުރިހާ މުއައްސަސާއަކުން ކުރި މަޝްވަރާއާ އެއްގޮތަށް އެކަން ކުރަނީ،" ނާފިޒު ވިދާޅުވި އެވެ.

އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ފަރަށް ވީހާ ވެސް ގެއްލުން ކުޑަވާ ގޮތަށް ކަމަށެވެ. ވިއެޓްނާމް ބޯޓު މިހަފްތާގައި ފުން ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބޯޓު ފުން ކުރެވެން އޮތީ ބޯޓު ލުއިކޮށްގެން ކަމަށާއި މުދާތައް ފަރު މައްޗަށް އުކާލަނީ އެހެންވެ ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފަ އެވެ.

"އެމަސައްކަތް ކުރަމުން ދަނީ ދެތިން ދުވަސް ތެރޭގައި ބޯޓް ފުންކުރެވޭނެ،" ވަހީދު ވިދާޅުވި އެވެ.

އެބޯޓް އިތުރަށް ފަރަށް އަރާ ކަމަށާއި ބޯޓް ދިޔަވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ވަހީދު ވިދާޅުވީ އެފަދަ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

އެ ބޯޓް ފުން ކުރުމުގެ މަސައްކަތް ކުރަނީ ސިންގަޕޫރު ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ސަމާ އައިލެންޑް ރިޒޯޓް ކައިރީގައި އޮތް ފަރަކަށް އެރި ވިއެޓްނާމްގެ ބޯޓް 508 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ބޯޓު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާތީ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.