06 Sep 2016, 13:09
ބޫޓާން ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓާ ސޯނަމް ޓޮބްޑެން ރަގްބިޔެ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް މިއަދު އަރުއްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ބޫޓާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޫޓާންގެ ފަރާތުން މި ސަރަޙައްދުގެ ގައުމުތަކުގެ މެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާ ރާއްޖެއާ ބޫޓާންއަކީ އެއްގޮތް ސިޔާސަތުތަކެއް އެކުލެވޭ ދެ ގައުމުކަން ވެސް ފާހަގަކުރެއްވި އެވެ. އަދި، ރާއްޖެއާ ބޫޓާންއާ ދެމެދުގައިވާ ޚާރިޖީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިގޮތުން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބޫޓާންގެ ސަފީރު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.