ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ހައްޔަރުކުރީ ނޫސްވެރިން ވަނުން މަނާކޮށްފައި އޮތް ސަރަހައްދަކަށް ނުވަންނަން އެންގުމުން ވެސް ގަދަ ދައްކައި ކުރިއަށް ދިއުމުން ކަމަށް ފުލުހަކު ބުނެފި އެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ 25 މާޗް 2015 ވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ފުލުހުން މީހަކު ހައްޔަރު ކުރަނިކޮށް އޭނާ ހައްޔަރުކުރަނީ ކީއްވެތޯ އަހައި ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ފުލުސް މީހާ ބުނީ މާރުކޭޓު ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަށް ވިސާމް ވަދެ ފުލުހުން އެންގުމުން ވެސް އެތަނުން ނުދިއުމުން ހައްޔަރު ކުރީ ކަމަށެވެ.

ފުލުސް މީހާގެ އެވާހަކައާ ގުޅިގެން ދިފާއީ ވަކީލު ވަނީ ވިސާމް އެތަނަށް ދިޔައީ ކޮން ހައިސިއްޔަތަކުންކަން އެނގޭތޯ ފުލުސް މީހާއާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލާ ގުޅިގެން އޭނާ ވިދާޅުވީ ވިސާމް އަކީ ނޫސްވެރިއެއްކަން އެނގޭ ކަމަށެވެ. އަދި އެ ދުވަހުގެ ހާލަތު ހުރި ގޮތުން ނޫސްވެރިންނަށް ވެސް އެސަރަހައްދަށް ވަނުން މަނާކޮށްފައިވާ ކަމަށާއި ހައްޔަރު ކުރީ މަނާކޮށްފައި އޮއްވައި ވަނުމުން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެ އެވެ. ދައުލަތުން ހުށަހެޅި އަނެއް މީހާގެ ހެކިބަހާއި ދިފާއުގައި ހުށަހަޅާފައިވާ ހަތަރު ހެކިންގެ ހެކިބަސް މި މަހުގެ 27 ވަނަ ދުވަހު ޝަރީއަތުގެ މަޖިލީހުގައި ނަންގަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ވިސާމްގެ މައްޗަށް ދައުލަތުން ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާވެސް އުފުލާފަ އެވެ.