ދުނިޔޭގެ ޖައްވީ އިދާރާތަކުން ދަނީ މާސްގައި އިންސާނުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެތޯ ބެލުމަށް ދިރާސާ ކުރަމުންނެވެ. އަދި މިހާރު އިންޖިނިއަރަކު ވަނީ ދެދުވަސްތެރޭ މާސްއަށް ދެވޭ، ޖައްވުގައި ދުއްވާ ރޭލެއްގެ ހިޔާލެއް ތައާރަފުކޮށްފަ އެވެ.

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އުޅަނދުތަކުގެ ހިޔާލު އުފައްދާ ޖަމްއިއްޔާއެއް ކަމަށްވާ އިމޭޖިނެކްޓިވްގެ ވެރިޔާ ޗާލްސް ބޮމްބާޑިއާ ވިދާޅުވި ގޮތުގައި، ސޯލާ އެކްސްޕްރެސްގެ ނަން ދީފައިވާ އެއުޅަނދަށް ގާތްގަނޑަކަށް ގަޑިއަކު 3000 ކިލޯ މީޓަރަށް ދަތުރު ކުރެވޭނެ އެވެ. އެއީ ދެދުވަސްތެރޭ މާސްއަށް ދެވޭ ވަރުގެ ބާރުމިނެކެވެ.

އެޖަމްއިއްޔާގެ ވެބްސައިޓުގައިވާ ގޮތުން އެ ރޭލުގައި 50 މީޓަރު ދިގު ހަ ސިލިންޑަރު ސީދަލަށް ހަރުކޮށްފައި ހުންނާނެ އެވެ. އެންމެ ފުރަތަމަ ރޭލުގެ ސްޕީޑު ބާރު ކުރާނީ ނުވަތަ އެކްސެލެރޭޓު ކުރާނީ ރޮކެޓް ބޫސްޓާސް ބޭނުންކޮށްގެންނެވެ.

އެ ރޭލުގައި 50 މީޓަރު ދިގު ހަ ސިލިންޑަރު ސީދަލަށް ހަރުކޮށްފައި ހުންނާނެ ކަމަށް ޖަމްއިއްޔާގެ ވެބްސައިޓުގައިވޭ -- ފޮޓޯ: ޗާލްސް ބޮމްބާޑިއާ

ބޮމްބާޑިއާ ވިދާޅުވި ގޮތުގައި ރޭލު ދުއްވަން ފެށުމަށް ފަހު އޭތި ދެން ނުހުއްޓާނެ އެވެ. އަދި މީހުންނާއި މުދާ އުފުލަން ބޭނުން ކުރެވޭނެ އެރޭލުން މީހުންނާއި މުދާ ބަދަލު ކުރާނީ ކުޑަ ޖައްވީ އުޅަނދުތަކުން އެއާ އެއްވަރުކޮށްގެން ކަމަށް ބޮމްބާޑިއާ ވިދާޅުވި އެވެ.

"ޖައްވުގައި ދަތުރު ކުރުމުގައި އެންމެ އަގު ބޮޑު ކަމަކީ އުޅަނދުގެ ބާރު މިން އިތުރު ކުރުމާއި ދަށް ކުރުން. އަދި މުދާ އުފުލަން ފެށުމުން ދަތުރުގެ އަގު މާ ބޮޑު ވާނެ. ސޯލާ އެކްސްޕްރެސްގައި ވާނެ ގޮތަކީ އޭތި ދަތުރު ފެށުމަށް ފަހު ނުހުއްޓާނެ. އޭގެ ބަދަލުގައި ކުދި ޖައްވީ އުޅަނދުތަކުން އެއާ ގާތް ކުރާނީ،" ބޮމްބާޑިއާ ވިދާޅުވި އެވެ.

އެޖަމްއިއްޔާގެ ވެބްސައިޓުގައިވާ ގޮތުން ޕްލެނެޓުތަކާއި ސްޕޭސް ސްޓޭޝަންތައް ވަށާ ރޭލު ދަތުރު ކުރާނީ ބިމަށް ދަމާ ބާރު ނުވަތަ ގްރެވިޓީ ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ރޭލަށް އިރުގެ ހަކަތަ ބޭނުން ކުރެވޭނެ ގޮތެއް ވެސް ހުންނާނެ ކަމަށް ވެބްސައިޓުގައިވެ އެވެ.

ސޯލާ އެކްސްޕްރެސްގެ ހިޔާލު ހަގީގަތަކަށް ހެދިއްޖެ ނަމަ އިންސާނުން ޖައްވަށް ދިޔުން އެތައް ގުނައެއް ފަސޭހަ ވެގެން ދާނެ އެވެ. ނަމަވެސް އެއުޅަނދު އުފައްދަން އެއްވެސް ކުންފުންޏަކުން އަދި މަސައްކަތް ފަށާފައެއް ނުވެ އެވެ.