ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓްކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރުކޮށްފައި ހުރި ބިލްބޯޑަކަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާއްމުކޮށްފި އެވެ.

ވީޑިއޯ އާއްމުކުރަމުން ފުލުހުން ބުނީ، ވީޑިއޯގައި ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ. އަދި އޭނާ ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.

އާޓިފިޝަލް ބީޗް ސްޓޭޖް ފަހަތުގައި މަޖީދީމަގަށްވާ ގޮތަށް ހަރުކޮށްފައި ހުރި ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް ޖަހާފައިވާ ހުރި ބިލްބޯޑަކަށް ކަޅުތެޔޮ ޖަހާފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި ކަޅުތެޔޮ ޖެހުމުން ފުލުހުންނާއި އެމްއާރުޑީސީ އަދި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވަނީ އެތަން ސާފުކޮށްފަ އެވެ.

ފުލުހުން އާއްމުކުރި ވީޑިއޯ އިން ފެންނަނީ އެ ސަރަހައްދުގައި ހަރުކޮށްފައިވާ ބިލްބޯޑު ކައިރީ ބޮޑުތަކުރުފާނު މަގުން ސައިކަލެއްގައި އައި ދެ މީހަކު ސައިކަލެއްގައި ގޮސް މަޑުކޮށްލާ ތަނެވެ. އަދި ސައިކަލު ފަހަތުގައި އިން މީހާ ސައިކަލުން ފައިބައި ބިލްބޯޑާ ދިމާލަށް ދާ މަންޒަރު ފެންނަ އިރު، އޭނާގެ އަތުގައި ކޮންމެވެސް އެއްޗެއް އޮވެ އެވެ.

ނަމަވެސް ފުލުހުން އާއްމުކުރި ވީޑިއޯ އެއީ ރޭގަނޑުގެ ކޮން ގަޑިއެއް ކަމެއް އަދި ޕޯސްޓަރަށް ކަޅުތެޔޮ ޖަހާ ތަނެއް ނުފެނެ އެވެ.