ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލާގައި ހައްޔަރުކުރި ކާރު ޑްރައިވަރުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކުރި 22 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވަނީ އިއްޔެ އެވެ.

އޭނާ ދުއްވީ ގެސްޓް ހައުސްގެ ކާރެކެވެ. އެކްސިޑެންޓުގައި ޒަހަމްވި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ، 28، މަރުވީ ކާރުން ސައިކަލުގައި ޖެހުމުން ލިބުނު ގެއްލުމުގަ އެވެ.

އެ އެކްސިޑެންޓުގައި ޝިއުނާގެ ދަތްދޮޅީގެ އިތުރުން ކަނދުރާ އާއި ކަނާތު ފައި ބިނދުނެވެ.

އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ޝާހިދާ އެކު ސައިކަލު ދުއްވަން ނުކުމެ އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ނިރޮޅު މަގުން ދުއްވާފައި ދަނިކޮށެވެ. ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހި އެކްސިޑެންޓު ހިނގި އިރު، ޝިއުނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ.

އެކްސިޑެންޓުގައި ޒަހަމްވި ޝާހިދަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗުން ބުނީ ޝާހިދުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުގައި މަރުވި ޝިއުނާއަކީ މީގެ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވެސް އޭނާގެ ހުރެ އެވެ. ޝިއުނާ މާލެ އައީ އޭނާގެ މަންމަ އާއި ދައްތަ ހައްޖަށް ފޮނުވާފައި ދައްތަގެ ކުދިން ބެލުމަށެވެ.