06 Sep 2016, 11:21
ދާދި އަވަހަށް ސްރީލަންކާއަށް އަނެއްކާވެސް ދަތުރު ކުރައްވާނެ ކަމަށާއި، އެ ދަތުރުގައި ރާއްޖެއަށް ވެސް ވަޑައިގަތުމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖެއާ ގުޅޭ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް މީގެ ދެ ހަފްތާ ކުރިން ސްރީލަންކާއަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނު އެނބުރި އިނގިރޭސި ވިލާތަށް އިއްޔެގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފަ އެވެ.
ރައީސް ނަޝީދު ކޮލޮމްބޯއިން ފުރާވަޑައިގަތުމުގެ ކުރިން އިންޑިއާގެ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުގެ ކުރިން ވާންޖެހޭ ބައެއް ކަންކަން ހުރި ކަމަށާއި، އެކަންކަން މެދުވެރިކުރުވުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
އަދި ކުރިޔަށް ހުރި މަސްތަކުގެ ތެރޭގައި ސްރީލަންކާއަށް އަނެއްކާވެސް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުފުޅުގައި ރާއްޖެއަށް ވެސް ވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ ކަންކަމުން ދިފާއުވެވަޑައިގެންނެވޭނެ ފަދަ މަގާމެއްގައި ނޫން ކަމަށާއި، 2018 ގައި އިންތިޚާބެއް ބޭއްވެންދެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމު ކުރުމަށްޓަކައި އިންތިގާލީ ބައެއް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މިކަން ކުރެވޭނެ ގޮތާއި، އިންތިގާލީ ސަރުކާރަކާ ދިމާލަށް ދަތުރު ކުރަންވީ ގޮތާ ބެހޭ މަޝްވަރާތައް މިހާރު ދަނީ ކުރެވެމުން. އެކަމަކު ސުލްހަވެރި ސިޔާސީ ހަރަކާތާ ދުރަކަށް އަޅުގަނޑުމެން ނުދާނަން. ރާއްޖޭގައި ބޮޑެތި ސިޔާސީ ބަޣާވާތްތަކެއް ނުކުރާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ ޑިމޮކްރަސީގެ އަސާސުތަކާ އެއްގޮތަށް ކަންކަން ހަމަޖެހިގެންދާ މަންޒަރު ބަލަން. ރާއްޖެއަށް ޑިމޮކްރެޓިކް ސަރުކާރެއް ބޭނުންވަނީ،"
ރައީސް ނަޝީދު ސްރީލަންކާގައި ހުންނެވި ހުންނެވުމާ ގުޅިގެން، ސްރީލަންކާގެ ނޫސްވެރިން މިދިޔަ ހަފްތާގެ ބުދަ ދުވަހު އޮތް ކެބިނެޓް ޕްރެސް ބްރީފިންގްގައި، އެގައުމުގެ ކެބިނެޓްގެ ތަރުޖަމާނު މިނިސްޓަރު ރާޖިތަ ސޭނާރަތުނައާ ސުވާލު ކުރުމުން، އޭނާ ވަނީ އެކަމާ ކަންބޮޑު ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރ ރާޖިތަ ވިދާޅުވީ ނަޝީދު ކުރައްވަނީ ޑިމޮކްރަސީގެ މަސައްކަތް ކަމަށާއި އެއީ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުން ކަމަކަށް ނުބެލެވޭނެ ކަމަށެވެ. އަދި މީގެ ކުރިންވެސް ރައީސް ނަޝީދު ލަންކާގައި ހުންނަވައިގެން ރާއްޖޭގެ ޑިމޮކްރަސީއާ ގުޅުންހުރި މަސައްކަތްތައް ކުރެއްވި އިރު، އޭރު ލަންކާ އާއި ރާއްޖޭގެ ގުޅުމަށް އަސަރެއް ކޮށްފައި ނުވާ ފަދައިން، މިހާރުވެސް އެ ގުޅުމަށް އަސަރު ފޯރައިގެން ނުވާނެ ކަމަށް ރާޖިތަ ވިދާޅުވި އެވެ.