ދިވެހިރާއްޖެ ކުޑަ ވުމަކީ މި ގައުމުގެ ކަންކަން ނިންމަން ބޭރުގެ ބޮޑެތި ގައުމުތައް ވައްދަންޖެހޭ ސަބަބެއް ނޫން ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.

ރަފިއްޔާ މިހެން ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ކުރިޔަށްދިޔަ އިންޓަނޭޝަނަލް ކޮންފަރެންސް އޮފް އޭޝިއަން ޕޮލިޓިކަލް ޕާޓީސް (އައިކެޕް) ކޮންފަރެންސްގެ ޖެނެރަލް އެސެމްބްލީގައި ވާހަކަދައްކަވަމުންނެވެ.

ރަފިއްޔާ ވާހަކައިގައި ވިދާޅުވީ، ރާއްޖެ ކުޑަ ގަައުމަކަށް ވީތީ ބޭރުގެ ފަރާތްތަކުގެ ނުފޫޒާއި ބަސްކިޔުން ގައުމުގެ ކަންކަމަށް ވެއްދުން މުހިންމު ކަމަށް ދައްކަން ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި ބޮޑެތި ބައެއް ގައުމުތަކުން އެމީހުންގެ އަމިއްލަ މަސްލަހަތުގައި ވެސް ރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށެވެ.

"ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް ހަތަރު ލައްކަ. އަދި ދުނިޔޭގެ ނިސްބަތުން ބަލާ އިރު ބައެއް ކަންކަމުގައި އަޅުގަނޑުމެންގެ ގައުމަކީ ކުޑަ ގައުމަކަށް ވެދާނެ. އެހެން ނަމަވެސް އޭގެ މާނަ އަކީ އަޅުގަނޑުމެންގެ އަމިއްލަ ނިންމުން ތަކަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވާން މަސައްކަތް ކުރުމުގެ ފުރުސަތު އޮތުމެއް ނޫން. މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ލިބޭން ޖެހޭ ހައްގުތައް އަޅުގަނޑުމެންގެ ގައުމަށް ވެސް އެންމެ ފުރިހަމަ ގޮތުގައި އޮތްކަން ގަބޫލުކޮށް އެކަންކަމަށް ފުރިހަމައަށް އިހުތިރާމު ކުރެވެން ޖެހޭނެ،" ރަފިއްޔާ ވިދާޅުވި އެވެ.

ރަފިއްޔާ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކަށް ގޮން ޖަހާލެވޭ ފަދަ ޚާއްސަ ކުރިއެރުންތަކެއް މިރާއްޖެއިން ވެސް ހޯދާފައިވާ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ރައްޔިތުންގެ ލިޔަންކިޔަން ދަތުމުގެ ފެންވަރާއި ތަހުޒީބު ވެފައިވާ މިންވަރުގެ އިތުރުން ޓޫރިޒަމުން ރާއްޖެ ހޯދާފައިވާ ކާމިޔާބަކީ މުޅި ދުނިޔެއަށް ވެސް ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޑިމޮކްރެސީ އަށަގަންނުވައި، ސުލްހަ މަސަލަސްކަން ގާއިމުކޮށް ކުރިއެރުވުމަށް ހިންގާ ހަރަކާތްތަކުގައި އެމްޑީއޭ އަކީ ސަރުކާރު ކޯލިޝަންގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއްކަން ފާހަގަ ކުރައްވައި އެމްޑީއޭ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށް ރަފިއްޔާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީގެ ދުވެލި ހުއްޓުމަކަށް ނައިސް ބާރު ސްޕީޑުގައި ކުރިޔަށް ގެންދެވުމާ އެކު ރައްޔިތުންގެ ފައިދާއަށް ޓަކައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވެސް ރަފިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

މި ކޮންފެރެންސް ނިންމައިލުމުގެ ގޮތުން ބައްދަލުވުމުގެ ބައިވެރީން ވަނީ "ކުއާލަލަމްޕޫރް ޑެކްލެރޭޝަން" ގެ ނަމުގައި ޚާއްސަ ގަރާރެއް ފާސްކޮށް ސޮއިކޮށްފަ އެވެ. ޓެރަރިޒަމާއި ހަނގުރާމަ ހުއްޓުވުމާއި ގައުމު ތަކުގެ އެތެރޭގައި އަމާންކަން ގާއިމު ކުރުމާ އެކު ފަގީރުކަން ނައްތައިލުމާއި ގުޅިގެން މަސައްކަތް ކުރާ "އެއް އޭޝިއާ" އެއްގެ ގޮތުގައި ދެމިތިބުމަށް ބައްދަލުވުމުގެ ބައިވެރީން ވަނީ މި ގަރާރުގައި އެއްބަސްވެފަ އެވެ.