ޓީމެއް މޮޅުވުމުގައި އެ ޓީމަކަށް ހިތްވަރުދެވޭނެ އެންމެ ބޮޑު ހަތިޔާރަކަށް ވާނީ އެ ޓީމެއްގެ 12 ވަނަ ކުޅުންތެރިޔާ ނުވަތަ ޓީމުގެ ސަޕޯޓަރުންނެވެ. ބޮޑު މުބާރާތަކަށް ކުރާ ދަތުރުގެ ފުރަތަމަ މަރުހަލާގައި ގައުމީ ފުޓްބޯޅަ ޓީމަށް އެ ހިތްވަރު އެބަ ބޭނުންވެއެވެ. ސަޕޯޓަރުންގެ އެހީތެރިކަން ހޯދުމަށް ގައުމީ ޓީމުން އަތް ދިއްކޮށްލައިފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް މަގުފަހިކޮށްދިނުމަށް ސަޕޯޓަރުންގެ އެހީތެރިކަން ގައުމީ ޓީމުން ބޭނުންވެއެވެ. އެ ޓީމުން ބޭނުންވަނީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޯފްގައި މިރޭ ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގު މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުންތަކެއް ގައުމީ ފުޓްބޯޅަ ދަނޑަށް ވަނުމަށެވެ. މިއަދު އުފަންދުވަސް ފާހަގަކުރަމުންދާ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް އުފަންދުވަހު ބޭނުންވާނެ އެންމެ ބޮޑު ހަދިޔާއަކަށް ވާނީ މިރޭގެ މެޗުގައި ސަޕޯޓަރުންގެ ތަރުހީބެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު ޓީމުގެ ބައެއް ކުޅުންތެރިން ދިވެހި ސަޕޯޓަރުންނާއެކު ސެލްފީ ނަގަނީ: މިރޭގެ މެޗުގައި ދިވެހި ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ރާއްޖޭގެ ޓީމަށް ބޭނުންވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް 'ސަން' އަށް ވިދާޅުވިގޮތުގައި، ޓީމުގެ 12 ވަނަ ކުޅުންތެރިޔާ ދަނޑުން ފެނި ޓީމަށް ވަރުގަދަ ސަޕޯޓެއް ދިނުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެކެވެ. އެއް އަޑަކުން ދިވެހި ޓީމަށް ސަޕޯޓްދީ މިރޭ މެޗު މާތްﷲގެ އިރާދަފުޅާއެކު ކާމިޔާބު ކުރުމަށް ޓީމަށް ހިތްވަރު ދިނުމަށް އެދޭ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މާޒީގެ ޞަފްހާއެއް ހުޅުވާލަމާ ހިނގާށެވެ. ސާފް ޗެމްޕިއަންޝިޕް 2008 ރާއްޖެއަށް ކާމިޔާބުކުރެވުނީ ހަމައެކަނި ގައުމީ ޓީމުގެ ކުޅުންތެރިންގެ ސަބަބުން އެކަންޏެއް ނޫނެވެ. އޭގެ އެންމެ ބޮޑު ހައްގުވެރިންނަކީ އޭރު ދިވެހި ގައުމީ ޓީމުގެ ފަހުތުގައި ތިބި ދިވެހި ސްޕޯޓަރުންނެވެ.

ހަގީގީ ސަޕޯޓަރުންނަކީ ޓީމު ބަލިވުމުން އެ ހިތާމައިގައި ޓީމާއެކު ބައިވެރިވާ ސަޕޯޓަރުންނެވެ. އަދި ކާމިޔާބު ލިބުމުން އެ ކާމިޔާބީގައި ގައުމީ ޓީމާއެކު ބައިވެރިވާ ސަޕޯޓަރުންނެވެ. ސާފް ޗެމްޕިއަންޝިޕް 2008ގައި ފެށިގެން ނިމުނު ހިސާބާ ހަމައަށް ދިވެހި ޓީމަށް ދިވެހި ސަޕޯޓަރުން ދިން ތަރުހީބަކީ އަދިވެސް ގިނަ ބަޔަކު ފާހަގަކޮށް ދައްކަމުންދާ ވާހަކައެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ދިވެހި ސަޕޯޓަރުން ރާއްޖޭގެ ޓީމަށް ތަރުހީބުދެނީ: މިރޭގެ މެޗުގައި ދިވެހި ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ރާއްޖޭގެ ޓީމަށް ބޭނުންވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމެޗާ ބެހޭގޮތުން ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް 2008 ހޯދައިދިން ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޤަނީ ބުނީ، ކާމިޔާބު ލިބޭނީ އެންމެންގެ ހިއްސާއާ އެކު ކަމަށާއި މެޗުގައި ރާއްޖޭގެ ޓީމަށް ތަރުހީބު ދިނުމަށް ވީހާ ގިނަ ބަޔަކު ދަނޑަށް އައުމަށް އެދޭ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ބާއްވާފައިވަނީ ރާއްޖެ އަދި ސްރީލަންކާގައެވެ. ރާއްޖެ ހިމެނުނު ގްރޫޕްގެ މެޗުތައް ކުޅެފައިވަނީ ރާއްޖޭގައެވެ. އެއަށްފަހު ސްރީލަންކާއާ ދެކޮޅަށް ކުޅުމަށް ރާއްޖެ ދަތުރުކުރަން ޖެހުނީ ރަށުން ބޭރަށެވެ. ފައިނަލުން ރާއްޖެ ޖާގަ ހޯދާފައިވަނީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ލަންކާ އަތުން 1-0 ލަނޑުން މޮޅުވެގެންނެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދި އިރު، އެއް މެޗަކުން ރާއްޖެ ބަލިވެފައިވެއެވެ. އެއީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ވާދަވެރި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ގަލޮޅު ދަނޑުގައި ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވެފައިވަނީ 1-0 ލަނޑުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: މިރޭގެ މެޗުގައި ދިވެހި ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ރާއްޖޭގެ ޓީމަށް ބޭނުންވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ޓީމުގެ ތަފާތު ފެނިގެންދިޔައީ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ހިތާމައާ ކުރިމަތިލާން ޖެހުމުން އޭގެ ބަދަލު ރާއްޖޭގެ ޓީމުން ވަރަށް ރަނގަޅަށް ހިފިއެވެ. ލަންކާގައި ކުޅުނު ފައިނަލުގައި އިންޑިއާގެ މައްޗަށް ރާއްޖޭން ކުރި ހޯދީ 1-0 ލަނޑުންނެވެ.

ރާއްޖޭގެ ޓީމުން އެ ކާމިޔާބީ ހޯދީ ވަރުގަދަ ހިތްވަރަކާއެކުއެވެ. އެއީ އިންޑިއާ އަތުން ގްރޫޕް ސްޓޭޖުގައި ބަލިވި މެޗަށް ފަހު ވެސް ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނުނު ތަރުހީބުންނެވެ. ރާއްޖެއަށް ފައިނަލު މެޗުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ވެސް އެހެންވެގެންނެވެ. އެ މުބާރާތުގެ ކާމިޔާބަކީ ދިވެހި ޓީމުން ދިވެހި ސަޕޯޓަރުންނަށް ދިން ހަދިޔާއެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ދިވެހި ސަޕޯޓަރުން ރާއްޖޭގެ ޓީމަށް ތަރުހީބުދެނީ: މިރޭގެ މެޗުގައި ދިވެހި ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ރާއްޖޭގެ ޓީމަށް ބޭނުންވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގޮތަށް ލާއޯސް މެޗުގައި ވެސް ސަޕޯޓަރުންނަށް ދިވެހި ޓީމަށް ހިތްވަރު ދެވިދާނެއެވެ. މިރޭގެ މެޗުގައި ސަޕޯޓަރުން ދޭ ތަރުހީބުން ހަމައެކަނި ހިތްވަރު ލިބޭނީ އެ މެޗުގައި އެކަންޏެއް ނޫނެވެ. ދެވަނަ ލެގުގައި އަންނަ މަހު ލާއޯސްގައި ކުޅޭ މެޗަށް ވެސް ހިތްވަރު ލިބިގެންދާނެއެވެ. އޭރުން ދިވެހިން ބޭނުންވާ ވަރުގެ ކާމިޔާބެއް ލިބުމުގެ މަގުފަހުވުމަކީ ގާތް ކަމަކަށް ވާނެއެވެ.

ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ގަލޮޅު ދަނޑުގައި މިރޭ 9:00ގައި ފަށާނެއެވެ. ވީހާވެސް ގިނަ ދިވެހި ސަޕޯޓަރުން އެއްވެލައި، ދިވެހި ޓީމަށް ސަޕޯޓްކޮށްލަން ހިނގާށެވެ. ދިވެހި ފުޓްބޯޅައަށް ކުރިއެރުން ގެނެސްދޭން ހިނގާށެވެ. ކާމިޔާބު ގެނެސްދޭން ހިނގާށެވެ. ފުޓްބޯޅަ އަކީ ރާއްޖޭގެ އެއް ވަނަ ކުޅިވަރުކަން ދައްކާލުމަށް ހިނގާށެވެ. ރާއްޖޭގެ ފުޓްބޯޅަ އަކީ އޭޝިއާއަށް ބިރެއްކަން ދައްކާލަން ހިނގާށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭގެ 31 ވަނަ އުފަންދުވަސް ފާހަގަކޮށްލަން ދަނޑަށް ހިނގާށެވެ.