01 Jun 2011, 22:14
ކ. ތުނބަފަޅުގައި ގާނޫނާ ހިލާފަށް މަސައްކަތްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްދީ އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑެތި ބަދަލުތަކެއް އެފަޅުގެ ގުދްރަތީ ވެއްޓަށް ކޮށްފައިވާ ކަމަށް ބުނެ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ ]އީޕީއޭ[ އިން ޗަމްޕާ މުހައްމަދު މޫސާ 100،000،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ތުނބަފުއްޓާއި އެ ރަށް ހިމެނޭ ފަޅު ސާވޭކޮށް ބަލާފައިވާ ކަމަށާއި ތުނބަފަޅުގައި ބިން ހިއްކާފައިވުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުމުގެ ގޮތުގައި 2،730،293،566ރ. އަރާ ކަމަށެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމުން އެ އަދަދުން މުހައްމަދު މޫސާ ޖޫރިމަނާ ކުރީ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ގާނޫނާ ހިލާފަށް ތުނބަފުށީގައި ހިންގާފައިވާ އިތުރު ކަންކަމުގެ މައުލޫމާތު ވެސް އެ އެޖެންސީން ދިރާސާ ކުރަމުންދާ ކަމަށް އެ ނޫސް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ތުނބަފުށި ކުޑަ އަގަކަށް ކުއްޔަށް ދީފައިވާ މައްސަލައިގައި ޗަމްޕާ މުހައްމަދު މޫސާ ވަނީ މީގެ ކުރިން ރިޔާސީ ކޮމިޝަނަށް ވެސް ހާޒިރުކޮށްފަ އެވެ.