މެނީލާ(ސެޕްޓެމްބަރު 6): އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަކީ 'ހަށިވިއްކާ އަންހެނެއްގެ ދަރިއެއް' ކަމަށް ވިދާޅުވުމަށް ފަހު ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ އެކަމަށް މާފަށް އެދިވަޑައިގެންފިއެވެ.

އޮބާމާއަށް އިޝާރާތް ކުރައްވައި ރައީސް ޑުޓާޓޭ އެފަދައިން ވިދާޅުވީ، ފިލިޕީންސުގައި ޝަރީއަތަކާ ނުލައި މަސްތުވާތަކެއްޗާ ގުޅުން ހުރި ގިނަ ބަޔަކު މަރަމުން ދިޔުމުގެ ސަބަބުން އެކަމާ ބެހޭ ގޮތުން ޑުޓާޓޭއާ ވާހަކަފުޅު ދައްކަވަން ދެބޭފުޅުންގެ މެދުގައި ބައްދަލުވުމެއް ބާއްވަން އެމެރިކާއިން ހަމަޖައްސާފައި ވަނިކޮށެވެ.

ނަމަވެސް ފިލިޕީންސުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މަރަން ހުއްދަ ދެއްވާފައިވާ ޑުޓާޓޭ ވަނީ އެމައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން ބާއްވާ ބައްދަލުވުމެއްގައި އޮބާމާއާ ބޭއަދަބީ ބަހުން ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އޮބާމާ ދެއްވާ ނަސޭހަތެއް ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑުޓާޓޭގެ އެބަސްފުޅާ ގުޅިގެން ވައިޓް ހައުސް އިން ވަނީ ދެބޭފުޅުންގެ ބައްދަލުވުން ކެންސަލް ކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން ރައީސް ޑުޓާޓޭ ވަނީ އޭނާ "ޒާތީ ގޮތުން އޮބާމާއަށް ދެއްވި ބަހުގެ ހަމަލާތަކަށް" މާފަށް އެދިވަޑައިގެންފައެވެ. އަދި ދެފަރާތުން ބައްދަލުކޮށް، ހިޔާލު ތަފާތުވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޖޫން މަހު ފިލިޕީންސުގެ ވެރިކަމަށް ވަޑައިގެންނެވި ޑުޓާޓޭ ވަނީ މީގެ ކުރިންވެސް އިސް ބޭފުޅުންނަށް އިޝާރާތް ކުރައްވައި އެމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭނާ ވަނީ ފިލިޕީންސުގައި ހުންނަވާ އެމެރިކާގެ ސަފީރަކީވެސް ހަށިވިއްކާ އަންހެނެއްގެ ދަރިއެއް ކަމަށް ސިފަ ކުރައްވައިފައެވެ.

ޑުޓާޓޭ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 2،400 މީހަކު ވަނީ މަރާލާފައެވެ. (ބީބީސީ)