06 Sep 2016, 10:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ބުރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް އިއްޔެ ނިންމާލައިފިއެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާއެވެ.
ގާސިމްގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އޮތީ އޭނާގެ މައްޗަށް އަންނާނެ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެނެވެ. ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތް ސިއްރު ކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ. އެހެންކަމުން ޝަރީއަތް ހިނގި ގޮތުގެ ތަފްސީލެއް އަދި ނޭނގެއެވެ.
އާދީއްތަ ދުވަހި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ވަނީ ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައިފައެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ މެނޭޖިންގް ޑިރެކްޓަރު ކޯބަސް ޑެ ސްވާޓް ވިދާޅުވީ ގާސިމް ކުރި ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ އަމަލެއް ފަޅާ އަރުވާލުން ކަމަށާއި، އެއީ އަދަބު ދިނުމުގެ ބަދަލުގައި ހިތްވަރު ދޭންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ފައިދާ ކުރަންޖެހޭ ފައިސާއެއް، ކޮރަޕްޓް ބައެއްގެ އަރާމު ދިރިއުޅުމަށް ފަންޑު ކުރުމަށް ފޮނުވޭ ނަމަ، ރައްޔިތުންނަށް އެކަން އެނގުމުގެ ހައްގު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.