ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމް ބޯޓު މިހަފްތާގައި ފުން ކުރެވޭނެ ކަމަށް އެބޯޓް ވެރިފަރާތް ކަމަށްވާ އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިން އިން ބުނެފިއެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އެރީ މިދިޔަ މަހު 13 ވަނަ ދުވަހުއެވެ. އެ ބޯޓު އަރާފައި ވަނީ ފުވައްމުލަކުގެ ދެކުނު ފަރާތު ފަރަށެވެ.

އެބޯޓް ފުން ކުރަން ފުރަތަމަ ދިން މުއްދަތު ހަމަވެފައިވާއިރު އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ، ފަރަށް އެރި ބޯޓު މިހަފްތާގައި ފުން ކުރެވޭނެ ކަމަށެވެ.

ފެނާއި ނަރުދަމާ އަޅާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ ބޯޓު ފަރަށް އަރާފައި -- ފޮޓޯ/ އަލީ ވަސީމް

"އެމަސައްކަތް ކުރަމުން ދަނީ ދެތިން ދުވަސް ތެރޭގައި ބޯޓް ފުންކުރެވޭނެ،" ވަހީދު ވިދާޅުވިއެވެ.

އެބޯޓް އިތުރަށް ފަރަށް އަރާ ކަމަށާއި ބޯޓް ދިޔަވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ވަހީދު ވިދާޅުވީ އެފަދަ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

އެ ބޯޓް ފުން ކުރުމުގެ މަސައްކަތް ކުރަނީ ސިންގަޕޫރު ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

ބޯޓުފަހަރު ފަރަށް އެރުމުން ފަރަށް ލިބޭ ގެއްލުންތަކާ ގުޅިގެން މީގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ދަނީ ބޯޓްގެ ވެރިފަރާތް ޖޫރިމަނާ ކުރަމުންނެވެ.