އަދިސް އަބަބާ (ސެޕްޓެމްބަރު 6): އިތިއޯޕިއާގެ ވެރިރަށް އަދިސް އަަބަބާގެ ޖަލެއްގައި ރޯވުމުގެ ސަބަބުން 23 ގައިދީން މަރުވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

އިތިއޯޕިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ހާދިސާގައި 21 މީހަކު މަރުވެފައި ވަނީ ޖަލުގައި ރޯވި ވަގުތު ތޮއްޖެހިގެންނެވެ. އަދި ދެ މީހަކު މަރުވެފައި ވަނީ ފިލަން މަސައްކަތް ކުރަނިކޮށެވެ.

ނަމަވެސް އިތިއޯޕިއާގެ ބައެއް މީޑިއާތަކުން މަންޒަރު ދުށް މީހުންނަށް ހަވާލާދީ ބުނެފައިވާ ގޮތުގައި އެގައިދީން މަރުވީ ޖަލުގެ ގާޑުން ގައިދީންގެ ގަޔަށް ބަޑި ޖެހުމުންނެވެ. އަދި ޖަލުގައި ރޯވި ފަހުން ޖަލު ތެރެއިން ބަޑި ޖަހާ އަޑު އިވިފައިވާ ކަމަށް ވެސް މީޑިއާތަކުގައިވެ އެވެ.

އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޖަލުގައި ރޯކޮށްލާފައި ވަނީ ޖަލުން ފިލަން މަސައްކަތް ކުރި ބަޔެކެވެ. ނަމަވެސް އެރިޕޯޓުތައް އަދި ކަށަވަރު ކޮށްފައި ނުވެ އެވެ.

އިތިއޯޕިއާގެ ކިލިންތޯ ޖަލުގައި ރޯވެފައި ވަނީ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މުޒާހަރާ ކުރަމުން އައި އަރޯމޯ ދަރިކޮޅުގެ ގިނަ ބަޔަކު ޖަލުގައި ހައްޔަރު ކޮށްފައި ވަނިކޮށް ކަމަށް އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ މީޑިއާތަކުން ބުނެ އެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނި ގޮތުގައި އޮރޯމޯ ދަރިކޮޅުގެ މީހުން ކުރަމުން ދިޔަ މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެެވެ. ނަމަވެސް އިތިއޯޕިއާގެ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)