ގިނަ އަދަދެއްގެ ދިވެހީން ޑޮކްޓަރުކަން ކިޔަވަން ރާއްޖެއިން ބޭރަށް ދާ އިރު، ބައެއް ކުދިން މާޔޫސްވާ ކަމަކީ، ސްޕެޝަލައިޒް ވާން ބޭނުންވާ މެޑިކަލް ދާއިރާ ރާއްޖޭގައި ޕްރެކްޓިސް ނުކުރެވޭނެ ކަމެވެ. ރާއްޖޭގައި އެކަމަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތަކެއް ނެތް ތަނުގައި، އެ ވަސީލަތްތައް ލިބޭނެ ދުވަހެއް ނޭނގުމެވެ. ރާއްޖޭގައި ޓާޝަރީ ހޮސްޕިޓަލްތައް މަދު ވުމުގެ ސަބަބުން އެ ވަސީލަތްތައް ގާއިމުވާނެ ކަމަށް އޮތް އުންމީދުގެ ހުޅުކޮޅު ވެސް ނިވެނީ އެވެ.

ހުޅުމާލޭގައި ޓްރީޓޮޕް އިންވެސްޓްމެންޓްސް އިން ތަރައްގީ ކުރަމުންދާ ޓްރީޓޮޕް ހޮސްޕިޓަލާ އެކު އެއްކަލަ އުންމީދު އާވެ އެވެ. ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރާ، އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުމަށް އަމާޒު ހިފާފައިވާ ޓްރީޓޮޕް ހޮސްޕިޓަލުން 20 އަށް ވުރެ ގިނަ ދާއިރާއެއްގެ ސްޕެޝަލިސްޓުން ރެކްރޫޓު ކުރުމަށް ރާވާފައިވެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އެޑްގާ ހެނާންޑޭޒް "ސަން"އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އެޑްގާ ޓޮރަލް ހެނާންޑޭޒް "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލިސްޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މެލޭޝިއާ، ދެކުނު އޭޝިއާ، އިރުމަތީ އޭޝިއާ އަދި ޔޫރަޕުން ސްޕެޝަލިސްޓުން ގެންނަ އިރު، ބޭރު ގައުމުތަކުގައި މެޑިސިންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ދިވެހީން ވެސް އެނބުރި ރާއްޖެ އައިސް މަސައްކަތް ކުރުމަށް ބާރުއެޅުމަށް ޓްރީޓޮޕް ހޮސްޕިޓަލުން މަސައްކަތް ކުރާނެ ކަމަށް އެޑްގާ ވިދާޅުވި އެވެ.

"ރާއްޖޭގައި މެޑިސިން ޕްރެކްޓިސް ކުރުމުގެ ބަދަލުގައި އެމެރިކާ، އޮސްޓްރޭލިއާ އަދި ޔޫކޭ ކަހަލަ ތަންތަނުގައި މެޑިސިން ޕްރެކްޓިސްކުރާ ދިވެހި ޑޮކްޓަރުން އެބަ އުޅޭ. އަޅުގަނޑުމެން މި ބަލަނީ އެ ޑޮކްޓަރުން ވެސް އެނބުރި ރާއްޖެ އައިސް މަސައްކަތް ކުރާ ހިތް ވާނެ ފަދަ ކަންކަން މިތަނުގައި ގާއިމުކުރަން،" އެޑްގާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އިމާރާތް ހަދަމުންދާ ސައިޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޓްރީޓޮޕް ހޮސްޕިޓަލް މެނޭޖުކޮށް، ހިންގައި އަދި އެތަނަށް ފަންނީ ލަފާ ދިނުމަށް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ރެމްސޭ ސައިމް ޑާބީ ހެލްތުކެއާ އަށެވެ. އެތަނުގެ ފަރާތުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯއަކަށް ހަމަޖައްސާފައިވާ އެޑްގާ ހެނާންޑޭޒް ވަނީ އިރުމަތީ އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގައި، ސިއްހީ ދާއިރާގެ އިސް މަގާމުތަކުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވައިފަ އެވެ.

އެޑްގާ ވިދާޅުވީ، ބޭރު ގައުމުތަކުގައި މެޑިސިންގެ ތަފާތު ދާއިރާތައް ޕްރެކްޓިސްކުރާ ދިވެހި ޑޮކްޓަރުން އެނބުރި ރާއްޖެ ގެންނަން ބޭނުންވާ ނަމަ، އެ ޑޮކްޓަރުންގެ ދާއިރާގެ މަސައްކަތް ކުރެވޭނެ ފަދަ ވަސީލަތްތައް ގާއިމު ކޮށްދޭން ޖެހޭ ކަމަށެވެ.

"މި ޑޮކްޓަރުން އާދަވެފައިވާ ޕްރޮޓޮކޯލްތަކާއި މެޑިކަލް ޕްރޮސެސްތަކެއް ހުންނަ އިރު، އެ ދާއިރާއާ ގުޅުން ހުރި ޕްރޮސީޖާތައް ހެދޭ ވަރަށް އިންސްޓްރުމެންޓްތަކާއި ޓެކްނޮލޮޖީ ވެސް އެބަ ޖެހޭ ހުންނަން. މި ޑޮކްޓަރުންނަށް ޓަކައި އެފަދަ މާހައުލެއް މިތަނުގައި ގާއިމު ކުރެވިއްޖެ ނަމަ އެ ޑޮކްޓަރުން ރާއްޖެ އައިސް ރާއްޖޭގައި މަސައްކަތް ކުރަން ބޭނުންވާނެ،" އެޑްގާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އެޑްގާ ހެނާންޑޭޒް "ސަން"އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި އެންމެ އާންމު ސިއްހީ ފަރުވާއަކީ ޕްރައިމަރީ ހެލްތުކެއާ ކަމަށް ވާ އިރު، އެޑްގާ ވިދާޅުވި ގޮތުގައި، ސްޕެޝަލައިޒް ވެގެން ޔޫކޭ ފަދަ ގައުމެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ޕްރައިމަރީ ހެލްތުކެއާގެ ދާއިރާގައި މަސައްކަތް ކުރުމަށް ރާއްޖެ އައުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެހެންކަމުން އެ ޑޮކްޓަރުން ސްޕެޝަލައިޒްވި ދާއިރާއިން ހުނަރު ތަރައްގީ ކުރެވޭނެ ފަދަ ގޮތެއް ހަމަޖައްސައި، އެމީހުން ރާއްޖެ އައިސް މަސައްކަތް ކުރުމަށް ޝައުގުވެރިކަން އުފެއްދިދާނެ ކަމަށް އެޑްގާ ވިދާޅުވި އެވެ.

"މިކަން އަޅުގަނޑުމެން ކުރާ ނަމަ އިތުރަށް ޚަރަދުތަކެއް ވެސް ދާނެ. ބޭނުންވާ ޓެކްނޮލޮޖީއާއި، ނަރުހުންނާއި، އިންސްޓްރުމެންޓޭޝަން ލިބޭގޮތް ހަދަން އެބަ ޖެހޭ. އިންސްޓުމެންޓޭޝަން މިއީ ވަރަށް އަގު ބޮޑު ވެސް އެއްޗެއް،

"އޭގެ އިތުރަށް، އެ ޑޮކްޓަރުން ރާއްޖެ އައިސް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ޝައުގުވެރިވާނެ، އަދި އެމީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ފަދަ އިންސެންޓިވް ޕެކޭޖުތަކެއް އުފައްދަން އެބަ ޖެހޭ. މި ޕެކޭޖުތައް ވާން ޖެހޭނެ މި ސަރަހައްދުގެ ބެންޗްމާކަކަށް،" އެޑްގާ ސަންއަށް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އިމާރާތް ހަދަމުންދާ ސައިޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހުޅުމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވޭ އިރު، ހޮސްޕިޓަލުގެ އިދާރީ ކަންކަމާއި ވަސީލަތްތައް ގާއިމުކުރުމަށް ފަހު، އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެތަން ހުޅުވުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ އަޒުމް ކަނޑައަޅާފަ އެވެ.