06 Sep 2016, 01:35
ސްކޫލްތަކުން ކިޔަވައިގެން ނުކުންނަ ދަރިވަރުން އުޅެންވީ ގޮތުގެ މިސާލު "އިސްކުރަކުން" ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޝަމީމް ދައްކުވައި ދީފަ އެވެ.
އޮލިމްޕަހުގައި މިރޭ ބޭއްވި މަޖިދިއްޔާ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، ކާމިޔާބު މީހަކަށްވުމަށް ކޮންމެ ކުއްޖަކު ވެސް އިސްކޫރަކަށް ވާން ޖެހޭ ކަމަށެވެ. ދަރިވަރުގެ މިސާލަށް ޝަމީމް ނެންގެނީ އިސްކޫރެވެ. އަދި ތައުލީމާއި ތަރުބިއްޔަތުގެ މިސާލަކަށް ނެންގެވީ އިސްކޫރުގައި ހުންނަ ތްރެޑެވެ.
އެގޮތަށް މިސާލު ނަންގަވައި ޝަމީމް ވިދާޅުވީ މައްޗަށް ހުންނަ މީހާ އިސްކޫރު އަނބުރާ އިރު އިސްކުރު ވެސް ގަޑީގެ ކަށި ނުވަތަ ކްލޮކްވައިސް އަށް އެނބުރުމުން އެތެރެއަށް ވަންނަމުން ގޮސް ދެ އެއްޗެއް ގުޅުވައިދިނުމަށް އެހީވެދޭ ކަމަށެވެ.
ޝަމީމް ވިދާޅުވީ ކިޔަވައިގެން ނުކުންނަ ދަރިވަރަކީ އިސްކޫރެއް ފަދަ ތެދު އަދި ވަށައިގެން ހުރި ތްރެޑްތައް ރަނގަޅަށް އިސްކޫރުގައި ހަރުލާފައި ހުންނަ އެއްޗަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތަށް މިސާލު ނެންގެވީ ދަރިވަރަށް ތައުލީމާއި ތަރުބިއްޔަތު ލިބި، އެ ތަރުބިއްޔަތު ގައިގައި ހަރުލާފައި ހުރި މިންވަރެއް ބަޔާންކޮށްދިނުމަށެވެ.
އިސްކޫރަކީ ދެ އެއްޗެއް ގުޅުވައި ބާރުކޮއްލުމަށް ބޭނުންކުރާ އެއްޗެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ އިސްކޫރެއް ފަދައިން ރަނގަޅު ކުއްޖަކު ނުކުމެއްޖެނަމަ ކަންކަން ކުރުމުގައި މުޖުތަމައު އެކުވެރިކުރުވާ އެއްޗަކަށް އެކުދިން ވާނެ ކަމަށެވެ.
އޯލެވެލް އަދި އޭލެވެލް ނިމިގެންދާއިރު ވިސްނަންވީ، އިސްކޫރުގައި ހުންނަ ތޫނު ތްރެޑްތަކަށް ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ތްރެޑަކީ އިސްކުރު ހިފަހައްޓަން ބޭނުންވާނެ އެންމެ މުހިއްމު ބަޔަށް ވާއިރު، ތްރެޑްތައް ކެނޑިފައިވާ އިސްކޫރެއް ފަދައިން ކުދިން ވެގެންނުވާނެ ކަމަށެވެ. އެގޮތަށް ތްރެޑް ކެނޑިއްޖެނަމަ އިސްކޫރުގެ ބޭނުން ދިޔައީ ކަމަށް ވިދާޅުވި އެވެ. އެގޮތުން "މަންމަގެ އުނގުން ފެށިގެން ކައްވަޅާ ހަމައަށް ތައުލީމް އުނގެނެން ޖެހޭ" ކަމަށް ޝަމީމް ވިދާޅުވި އެވެ.
އެގޮތުން އަބަދުވެސް އިލްމު އުނގެނި ތަރުބިއްޔަތު ލިބުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އަޒުމްވަރުގަދަ ވިސްނުން ތޫނު ބަޔަކަށް ވާން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. ތްރެޑް ކެނޑިއްޖެ ނަމަ އިސްކޫރު ދެން ޖެހޭނީ އެނބުރި އެނބުރި ހުންނަން ކަމަށާއި އޭގެ އެއްވެސް ބޭނުމެއް އެ ހިސާބުން ނުހިފޭނެކަމަށް ޝަމީމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ޝަމީމް ވަނީ ތައުލީމާއި ތަރުބިއްޔަތުގެ މުހިންމުކަން ބަޔާންކޮށް ގިނަ މިސާލުތަކަކާ އެކު ދަރިވަރުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފަ އެވެ.