06 Sep 2016, 08:58
ޕްރިޔަންކާ ޗޯޕްޅާ، ދީޕިކާ ޕަދުކޯން، ކަރީނާ ކަޕޫރު އަދި ސޯނަމް ކަޕޫރު މެން ފަދަ ތަރިންނަކީ މިވަގުތު ބޮލީވުޑުގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ފަންނާނުންނެވެ. އެ ތަރިން އަންނަނީ ފިލްމީ ދާއިރާގައި އެތައް ގިނަ ކާމިޔާބީ ތަކެއް ހޯދަމުންނެވެ.
ފިލްމީ ދާއިރާގައި ކިތަންމެ ގަދަޔަށް ވިދަމުން ދިޔަ ނަމަވެސް، އެ ހިސާބަށް ދިއުމަށް އެ ފަންނާނުން ބޮޑެތި ގުރުބާނީތަކެއް ވަނީ ވެފައެވެ. އެގޮތުން ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ކިޔެވުން ދޫކޮށްލި ތަރިން ވެސް މަދެއް ނޫނެވެ.
މި ލިޔުމުގައި މި ބަލައިލަނީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގެ އުންމީދުގައި ކިޔެވުން ދޫކޮށްލި ބައެއް އަންހެން ފަންނާނުންނަށެވެ.
ސޯނަމް ކަޕޫރު:ފިލްމު "ނީރްޖާ" އިން އެންމެ މޮޅު އަންހެން އެކްޓަރުގެ ހޯދި ސޯނަމް އަކީ ގްރޭޑް 12 އަށް ފަހު ފިލްމީ ދާއިރާއަށް ނުކުންނަން މަސައްކަތް ފެށި މީހެކެވެ. ލިޓްރޭޗަރ ކިޔަވަން ފެށުމަށް ފަހު ކޯސް ފުރިހަމަ ނުކޮށް ސޯނަމް ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ. ނަމަވެސް ސޯނަމް ވަނީ އެއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ މޮޔަ ކަންތައް ކަމަށް ބުނެފައެވެ. އަދި ކިޔެވުން ދޫކޮށްލެވުނީތީ ހިތާމަ ކުރާ ކަމަށާއި، އަލުން ކިޔަވަން ފަށައި ލިޓްރޭޗަރ އިން ދަށް ވެގެން ޑިގްރީ އެއް ހާސިލް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކަރީނާ ކަޕޫރު:ކަޕޫރު އާއިލާއަށް ނިސްބަތްވުމުގެ ސަބަބުން ވަރަށް ކުޑަ އިރުން ފެށިގެން ވެސް ކަރީނާގެ ވިސްނުން ހުއްޓިފައި ހުރީ ފިލްމީ ދާއިރާ އަށެވެ. އެންމެ އަގުބޮޑު އަންހެން އެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރީނާ ފިލްމީ ދާއިރާއަށް ނުކުތީ އުމުރުން 20 އަހަރުގައެވެ. މިތިބާއި ކޮލެޖުގައި ދެ އަހަރު ވަންދެން ކޮމާސް ކިޔެވުމަށް ފަހު، ޝަރުއީ ދާއިރާއަށް ހިތްޖެހުމުން އިންޑިއާގެ ސަރުކާރު ލޯ ކޮލެޖުގައި އެންރޯލްވިއެވެ. ނަމަވެސް އެއް އަހަރު ކިޔެވުމަށް ފަހު، ބޮލީވުޑަށް ނުކުތުމަށް ކިޔެވުން ދޫކޮށްލީއެވެ.

އައިޝްވާރްޔާ ރާއި ބައްޗަން:ދުނިޔޭގެ ރީތީގެ ރާނީގެ ޝަރަފު ހޯދާފައިވާ އައިޝްވާރްޔާ އަކީ ވެސް ކިޔެވުން ފުރިހަމަ ނުކޮށް ކޮލެޖުން ވަކިވި މީހެކެވެ. އައިޝްވާރްޔާ އަކީ އެއްވެސް އިރެއްގައި ކިޔެވުމަށް އެހާ މޮޅު ދަރިވަރެއް ނޫނެވެ. ޖައި ހިންދު ކޮލެޖުގައި އެއް އަހަރު ކިޔެވުމަށް ފަހު އެހެން ކޮލެޖަކަށް ބަދަލުވީ އާކިޓެކްޗަރ ކިޔަވާށެވެ. ނަމަވެސް ބޮޑެތި އަގުގައި މޮޑެލް ކުރަން ހުށަހެޅުންތައް ލިބެން ފެށުމުން ކިޔެވުން ދޫކޮށްލުމަށް ފަހު ބޮލީވުޑަށް ނުކުތީއެވެ.

ދީޕިކާ ޕަދުކޯން:"ޔޭ ޖަވާނީ ހޭ ދިވާނީ"ގައި ވަރަށް މޮޅު ދަރިވަރެއްގެ ރޯލު އަދާކުރި ނަމަވެސް، ދީޕިކާ އަކީ އަސްލު ދިރިއުޅުމުގައި ކިޔެވުން ފުރިހަމަ ކޮށްފައިވާ މީހެއް ނޫނެވެ. ދީޕިކާ އެންމެ ކުޑައިރުން ފެށިގެން ވެސް ބޭނުންވީ ފިލްމީ ދާއިރާއަށް ނުކުތުމަށެވެ. ދީޕިކާ ވަނީ ދެ ކޮލެޖެއްގައި ދެ ކޯހެއް ފަށައިފައެވެ. ނަމަވެސް ކިޔެވުން ފުރިހަމަ ނުކޮށް ފިލްމީ ދާއިރާއަށް ނުކުތީއެވެ. މިހާރު އެއީ ބޮލީވުޑުގައި ހުރި އެންމެ އަގުބޮޑު އަންހެން ބަތަލާއެވެ.

ޕްރިޔަންކާ ޗޯޕްޅާ:ބޮލީވުޑުގެ އިތުރުން ހޮލީވުޑުގައި ވެސް ވިދަމުން އަންނަ ޕްރިޔަންކާ އަކީ ވެސް ކިޔެވުމުގައި މާބޮޑު ކާމިޔާބީ ތަކެއް ލިބިފައިވާ މީހެއް ނޫނެވެ. އެމެރިކާ އަދި އިންޑިއާއިން ތައުލީމު ހާސިލުކުރި ޕްރިޔަންކާ ވާން ބޭނުންވީ ކްރިމިނަލް ސައިކޮލޮޖިސްޓަކަށެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޖެއި ހިންދު ކޮލެޖުން ކިޔަވަން ވެސް ފެށިއެވެ. ނަމަވެސް މޮޑެލް ކުރުމުގެ ފުރުސަތުތައް ލިބެން ފެށުމާ އެކު ކިޔެވުން ދޫކޮށްލީއެވެ.

ކަރިސްމާ ކަޕޫރު:ކަރިސްމާ އަކީ އެންމެ ހަގު އުމުރެއްގައި ކިޔެވުން ދޫކޮށްލި ފަންނާނެވެ. އެކްޓު ކުރުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުން، ކަރިސްމާ ސްކޫލުން ވަކިވީ ހަ ވަނަ ކްލާހުންނެވެ. ކަރިސްމާގެ ފުރަތަމަ ފިލްމު "ޕްރޭމް ގައިދީ" ކުޅުނު އިރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ކިތަންމެ ޅަ އުމުރުގައި ކިޔެވުން ދޫކޮށްލައި ފިލްމީ ދާއިރާއަށް ނުކުތް ނަމަވެސް، އޭނާގެ ހުނަރުވެރި ކަމާއި ރީތި ކަމުގެ ސަބަބުން އޭނާ ވެގެން ގޮސްފައި ވަނީ ނުވަދިހައިގެ އަހަރުތަކުގެ އެންމެ ކާމިޔާބު އެއް އެކްޓްރެސް އަށެވެ.
