އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި ކަމުގެ ދައުވާ ލިބޭ ޏ. ފުވައްމުލަކު، ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދު ބަންދުން ދޫކޮށްލުމުގައި ވަރަށް ނުރައްކާތެރި، "އެހެން ކަހަލަ" ކަންތައްތަކެއް އުޅޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަމުރު ނެރެފައި ވަނީ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އަބްދުއްލަތީފް ބަންދުގައި ބެހެއްޓުމަށެވެ. އެކަމަކު ފަހުން ސިޓީއަކުން ފުލުހުންނަށް އަންގާފައި ވަނީ އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އަދި ހައި ކޯޓުން އެ ސިޓީ ބާތިލް ކުރުމުން އޭގެ އަނެއް ދުވަހު އަބްދުއްލަތީފް ކޯޓަށް ހާޒިރު ކުރުމަށްފަހު ވަނީ އެއްކޮށް ބަންދުން ދޫކޮށްލައިފަ އެވެ.

އަބްދުއްލަތީފް ބަންދުން ދޫކޮށްލުމުގެ އަމުރު އިސްތިއުނާފް ކުރުމަށްފަހު ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، އަބްދުއްލަތީފް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އަބްދުއްލަތީފް ދޫކޮށްލުމުގެ މައްސަލައަށް ބަލާއިރު އެއީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށާއި އޭނާ ބަންދުން ދޫކޮށްލުމުގައި "އެހެން ކަހަލަ" ކަންތައްތަކެއް އުޅޭ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އަބްދުއްލަތީފްގެ މައްޗަށް މިހާރު ޝަރީއަތް ހިންގަނީ އެއް ކިލޯގެ މަސްތުވާތަކެތި އޭނާގެ އަތުން ފެނުނު މައްސަލައެއްގައި ކަމަށެވެ. އަދި ވިދާޅުވީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ އެފަދަ ކަމެއް ތަކުރާރުވުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އަބްދުއްލަތީފް ބަންދުން ދޫކޮށްލާފައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއަށް ބަލަންޖެހޭ ވަރަށް ނުބަލައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވި އެވެ.

އަބްދުއްލަތީފްގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއްގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލުމުގެ ބާރާއި އިހްތިޔާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އަދި އަބްދުއްލަތީފް ބަންދުން ދޫކޮށްލުމުގެ އަމުރު ނެރެފައި ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު ކަމަށް ވެސް ވަކީލު ފާހަގަ ކުރެއްވި އެވެ.

ވަކީލު ވިދާޅުވީ އަބްދުއްލަތީފްގެ މައްޗަށް ހިންގާ ޝަރީއަތުގައި މިހާރު ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ވެސް ނިމިފައިވުމާއެކު ހެކިންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް އަބްދުއްލަތީފަށް ނެތް ކަމަށެވެ. އަދި ވިދާޅުވީ އަބްދުއްލަތީފް ދޫކޮށްލީ ހުރިހާ ހައްގުތަކަކާއެކީގައި ނޫން ކަމަށާއި ބައެއް ހައްގުތައް ހިފަހައްޓާފައިވާ ކަމަށެވެ.

ހައި ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައްބާސް ޝަރީފް މި މައްސަލައިގެ އަޑުއެހުން ނިންމާލައްވަމުން ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި ސުވާލެއް ނުއުފެދިއްޖެ ނަމަ ދެން މައްސަލަ ބާއްވާނީ ހުކުމް ކުރެއްވުމަށް ކަމަށެވެ. ފަނޑިޔާރު އައްބާސްގެ އިތުރުން އެ މައްސަލަ ދެން ބައްލަވަނީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.