06 Sep 2016, 01:53
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލު، މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، ސ. ހިތަދޫ/ ނައީމީ މަންޒިލް، މިޝަލް މުހައްމަދު ނައީމް ހޮވިއްޖެ އެވެ.
މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލުގެ ކެޕްޓަން ކަމުގައި ހުރި މިޝަލް އަކީ އުމުރުން އެންމެ 10 އަހަރުގައި އައިޖީސީއެސްސީގައި އިގްލިޝް އެސް އަ ސެކަންޑް ލޭންގުއޭޖް އިމްތިހާނުން އޭ ގްރޭޑް އަދި ކެމްބްރިޖް އިންގްލިޝް ލޭންގުއޭޖް އެސެސްމެންޓުން ދޭ ސެޓްފިކެޓް އިން އެޑްވާންސް އިން އިންގްލިޝް (ސީއޭއީ) ގައި އުމުރުން 11 އަހަރުގައި ބައިވެރިވެ އޭ ގްރޭޑް ހޯދާފައިވާ ދަރިވަރެކެވެ.
މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މިޝަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން، އޭނާ ވަނީ މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނުގައި ކޮމްޕިއުޓާ ސައިންސް އިން ދުނިޔޭގެ ހަތް ވަނަ އަދި އެ މާއްދާއިން ރާއްޖޭގެ އެއްވަނަ ހޯދައި، ގައުމީ ގަދަ 10ގައި އެއްވަނަ ހޯދާފަ އެވެ.
އޮލިމްޕަހުގައި މިރޭ ބޭއްވި މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިޝަލް އަށް އެވޯޑްތައް ހަވާލުކޮށް ދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.
މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މިޝަލް އަށް ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޝަމީމް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިޝަލް ބުނީ، މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުމަކީ ތައުލީމީ ހަޔާތުގައި އައި އެންމެ އުފާވެރި ރޭ ކަމަށާއި އެ ކާމިޔާބީ އަކީ ސާނަވީ ތައުލީމީ ހަޔާތުގައި ހާސިލް ނުކުރެވި އިން ހަމައެކަނި ޝަރަފް ކަމަށެވެ.
މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލުން ހުރިހާ ގޮތަކުން ދެ ވަނަ އަށް ހޮވިފައި ވަނީ ސ. މީދޫ/ ސްވީޓްޕީކޮޓޭޖް އަހުމަދު ބާސިލް ޝިޔާމެވެ. އަދި ތިން ވަނަ އަށް ހޮވިފައި ވަނީ ސ. ހުޅުދޫ/ ދީދާރުގޭ، އިބްރާހިމް ދާވޫދު މުހައްމަދު ހައްސާނެވެ.
މިދިޔަ އަހަރު މަޖީދިއްޔާ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު ތިން ދަރިވަރުން: (ކ-ވ) އަހުމަދު ބާސިލް ޝިޔާމް، މިޝަލް މުހައްމަދު ނައީމް، އިބްރާހިމް ދާވޫދު މުހައްމަދު ހައްސާން
ދަރިވަރުންނާ މުހާތަބު ކުރައްވަމުން ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިހު ވިދާޅުވީ، ކާމިޔާބު ލިބުމުން ވިސްނުން އިތުރަށް ތަރައްގީކޮށް ކުރިއަރުވަން މަސައްކަތްނުކުރާނަމަ ކުރިއަށް ލިބެން ހުރި ކާމިޔާބީތައް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
އެހެންކަމުން މަންޒިލަށް ވާސިލްވުމަށް ކުރިމަތިވާ ދަތިތަކާ ކުރިމަތިލައިގެން ކާމިޔާބު ހާސިލްކުރުމަކީ ކޮންމެ ކުއްޖެއްގެ އަޒުމަކަށް ހެދުމަށް ހުރިހާ ދަރިވަރުންނަށް ޕްރިންސިޕަލް އިލްތިމާސް ކުރެއްވި އެވެ.
އޮލިމްޕަހުގައި މިރޭ ބޭއްވި މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު ތިން ދަރިވަރުންނާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި އެކަމަނާގެ އަރިހުގައި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސޯޯލިހު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ގްރޭޑް އެކަކުން 12 އަށް ކިޔަވައި ދޭ، ތައުލީމު ފޯރުކޮށްދޭ ސްކޫލެއްގެ ގޮތުގައި 89 އަހަރުވެފައިވާ މަޖީދިއްޔާ ސްކޫލުގައި މިދިޔަ އަހަރު 2600 ދަރިވަރުން ކިޔަވާފައިވެ އެވެ. އަދި މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 151 ދަރިވަރުން ބައިވެރިވެފައިވާއިރު، އޯލެވެލް ގަދަ 10 ގެ އެއްވަނައިގާ ފަސް ދަރިވަރަކު ހިމެނިފައިވެ އެވެ.