06 Sep 2016, 09:46
ބޮލީވުޑްގެ މެގަސްޓާ އަމީތާބު ބައްޗަން އަކީ ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ އެކްޓަރެކެވެ. ގިނަ ފިލްމުތަކެއް ކުޅެ ފިލްމީ އުދަރެހުގައި އޭނާގެ ނަން ރަން އަކުރުން ފަވާލާފައި ވާއިރު އަމީތާބަކީ އަމިއްލަ ދިރިއުޅުމުގައި ވެސް ކާމިޔާބު މީހެކެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުގެ އިތުރުން އަމީތާބުގެ ޝަޚިސިއްޔަތަކީ މުޅި އިންޑިއާ ބަލައިގަންނަ ޝަޚުސިއްޔަތެކެވެ. އާމީތާބާ މެދު އިންޑިއާގެ ރައްޔިތުން ދެކެނީ ގައުމީ ފަޚުރެއްގެ ގޮތުގަ އެވެ. އަމީތާބު މިޒާޖާއި އަޚުލާގީ ރަނގަޅު ސިފަތަކުގެ ސަބަބުން އޭނާ އަށް އިންޑިއާގެ ރައްޔިތުންގެ ހިތްތަކުން ލިބިފައި ވަނީ ވަރަށް ވެސް ޚާއްސަ މަގާމެކެވެ.
ނަވާރަސަތޭކަ ހަތްދިހަ ތިން ވަނަ އަހަރު، ކުރީގެ މަޝްހޫރު ފިލްމީ ތަރި ޖަޔާ ބަދޫރީއާ ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށި އިރު އެ ކައިވެނި ވަރަށް ވެސް ކާމިޔާބެވެ. އަމީތާބު ބައްޗަން އާއި ޖާޔާގެ ކައިވެންޏަށް މިހާރު 43 އަހަރު ވެފައިވާ އިރު އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފަ އެވެ. އެއީ އަބީޝެކް ބައްޗަން އާއި ޝްވޭތާ ބައްޗަން ނަންދާ އެވެ. އަމީތާބަށް ކާފަ ކިޔާ ތިން ކުދިން މިއަދު އެބަ ތިއްބެވެ. އެއީ ޝްވޭތާ ބައްޗަންގެ އަންހެންދަރިފުޅު ނަވްޔާ ނަވޭދީ ނަންދާ އާއި އަގްސިޔާ ނަންދާ އަދި އަބީޝެކް ބައްޗަންގެ އަރާދިޔާ ބަޗަން އެވެ.
އުމުރުން 73 އަހަރުގެ އަމީތާބަކީ އޭނާގެ ކާފަ ދަރިން ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. މި ތިން ކާފަ ދަރީންގެ ތެރެއިން ވެސް ދެ އަންހެންކުދީން ކަމުގައިވާ އުމުރުން 18 އަހަރުގެ ނަވްޔާ ނަވޭލީ ނަންދާ އާއި ހަތަރު އަހަރުގެ އަރާދިޔާގެ ތަރުބިއްޔަތަށް އަމީތާބު ވަކީން ޚާއްސަ އިސްކަމެއް ދެ އެވެ.

ކާފަ ދަރިންނަށް އަމީތާބު ސިޓީއެއް ލިޔަނީ: އެހެން މީހުންގެ ހިޔަނީގައި ނޫޅެ، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ނިންމަން ދަސްކުރުމަށް އޭނާ އެދުނު--
އެ ދެ ކުދިންގެ މުސްތަގުބަލަށް އަމީތާބު ވަރަށް ބޮޑު އަހަންމިޔަތު ކަމެއް ދޭއިރު، އަމީތާބު މިއަދު ވަނީ އެ ދެ ކުދީންނަށް ޚާއްސަކޮށް ވަރަށް ވެސް އަސަރުގަދަ ސިޓީއެއް ލިޔެފަ އެވެ.
އަމީތާބުގެ އަތުން މިއަދު ލިޔެ، ވީޑިއޯ އަކާއި އެކު ސޯޝަލް މީޑިއާ އަށް ދޫކޮށްލި ސިޓީގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަސަރު ކޮށްފަ އެވެ. އެއީ އަމީތާބްގެ ކާފަ ދަރިންނަށް ހާއްސަ ސިޓީއެއް ނަމަވެސް، އަމީތާބު ވަނީ އެއީ ހުރިހާ އަންހެން ކުދިންނަށް ލިޔެފައިވާ ސިޓީއެއް ކަމަށް ބުނެފަ އެވެ.

އަމީތާބު ވަނީ މީހަކު ބުނާހާ ގޮތެއް ހެދުމުގެ ބަދަލުގައި އެކުއްޖަކަށް ފެންނަ ރަނގަޅު މަގު ޚިޔާރު ކުރުމަށް އެ ދެކުދީންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި ހެދުން އަޅާނެ ގޮތާއި، ދިރިއުޅުން ބައްޓަން ކުރާނެ ގޮތް ނިންމާނީ އަމިއްލައަށް ކަމަށާއި ކައިވެނި ކުރާނީ ވެސް އަމިއްލަ އަށް ބޭނުންވުމުން ކަމަށް އަމީތާބުގެ ސިޓީގައި ވަނީ ބުނެފަ އެވެ.

ކާފަ ދަރިންނަށް އަމީތާބު ލިޔުނު ސިޓީ
އެ ސިޓީގެ ދިވެހި ތަރުޖަމާއެއް ތިރީގައި އެ ވަނީ އެވެ.
"އެންމެ ލޯބިވާ ނަވްޔާ އަދި އަރާދްޔާ އަށް
ތި ދެކުދިންގެ މުނި ކާފައިން ވަނީ ތި ދެ ކުދިންނާ ހަމައަށް ވަރަށް އަގުބޮޑު ނަމެއް ފޯރުކޮށްދީފައި. އަރާދްޔާ ބައްޗަން އަދި ނަންދާ. ދެ ނަމުން ރަމްޒުކޮށްދެނީ މަޝްހޫރުކަމާއި، އިއްޒަތާއި ޝަރަފުވެރިކަން.
ތިޔަ ދެ ކުދިންނަކީ ނަންދާ އަކަށް ނުވަތަ ބައްޗަން އަކަށް ވެދާނެ. އެކަމަކު ތިޔައީ ދެ އަންހެނުން ކުދިން.
އަދި އަންހެން ކުދިންނަށް ވުމުން، ބައެއް މީހުން މަސައްކަތް ކުރާނެ އެމީހުންގެ ވިސްނުމާއި ފިކުރު ތިކުދިންގެ މައްޗަށް ހިންގަން.

އަމީތާބު އޭނާގެ ކާފަ ދަރިންނަށް ލިޔުނު ސިޓީ:
ހެދުން އަޅަންވީ ގޮތާއި، އުޅެންވީ ގޮތާއި، ބައްދަލު ކުރެވޭނީ ކޮން ބަޔަކާއި ކަމާއި ދެވޭނެ ތަންތަން ބުނެދޭން އެމީހުން މަސައްކަތް ކުރާނެ.
މީހުން ބުނާ ގޮތަށް، އެ މީހުންގެ ހިޔަނީގައި ނޫޅޭތި. އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމާނީ އަމިއްލަ އަށް.
ތިމާ ލާ ހެދުމުގެ ދިގުމިނަކީ ތިމާ ރަމްޒުކޮށް ދޭ އެއްޗެއް ކަމަށް ގަބޫލު ނުކުރާތި.
ތިމާގެ ރަށްޓެހިންނަށް ވާންޖެހޭނީ ކޮން ބައެއްކަން ބުނެދޭނެ ފުރުސަތު އެހެން ބަޔަކަށް ނުދޭތި.
އަމިއްލަ އަށް ކައިވެނި ކުރަން ބޭނުންވުމުން ނޫނީ ކައިވެނި ނުކުރާތި.
މީހުން ވާހަކަ ދައްކާނެ. ހިތުގައި ޖެހޭ ކަހަލަ އެއްޗެހި ވެސް ކިޔައިފާނެ. އެކަމަކު އޭގެ މާނަ އަކީ ހުރިހާ އެންމެން ދައްކާ ހުރިހާ ވާހަކައެއް އަޑުއަހަން ޖެހޭނެ އެކޭ ނޫން. މީހުން ކިޔާފާނެ އެއްޗަކަށް ނުވިސްނާތި!
އެއީ، އެ މީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހަކު. އެހެންވީމާ އެހެން މީހަކު ތިމާގެ ދިރިއުޅުމުގައި ގޮތް ކިޔުމުގެ ފުރުސަތު ނުދޭތި.
ނަވްޔާ - ލިބިފައިވާ ނަމަކީ އަންހެނަކަށް ވީތީ ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކުން ސަލާމަތް ކޮށްދޭނެ އެއްޗެއް ނޫން.
އަރާދްޔާ - ދަރިފުޅަށް މި ސިޓީ ފެނި، މީގައި ކާފަ ދައްކާފައި ހުރި ވާހަކަތައް ވިސްނޭ އިރު ކާފައި ދުނިޔޭގައި ނެތުމަކީ ވެސް އެކަށީގެންވާ ކަމެއް. އެކަމަކު ކާފަ މި ދެއްކި ހުރިހާ ވާހަކައެއް އެ ދުވަހަކުން ވެސް ހަނދާން ބަހައްޓާތި. އެއީ އޭރުން ވެސް ކަންކަން ދާނީ ކާފަ މި ބުނި ގޮތަށް ކަމަށް ވާތީ.
ދުނިޔެ އަކީ އަންހެންކުދީންނަށް ވަރަށް ވަރަށް އުނދަގޫ ތަނަކަށް ވެދާނެ. އެކަމަކު ކާފަ ގަބޫލު ކުރަން، މި ދުނިޔެ ބަދަލު ކުރެވޭނީ ދަރިފުޅުމެއް ކަހަލަ އަންހެން ކުދީންނަށް ކަމަށް.
އަމިއްލަ އަށް އިންތައް ކަނޑައަޅައި، އަމިއްލަ އަށް ގޮތް ނިންމައި އެހެންމީހުންގެ ފާޑުކިޔުންތަކުގެ މައްޗަށް ކުރި ހޯދުމަކީ އުނދަގޫ ކަމަކަށް ވެދާނެ. އެކަމަކު ތި ކުދިންނަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި އަންހެނުންނަށް ނަމޫނާ އަކަށް ވެވޭނެ.
ކާފަ މި ބުނި ގޮތަށް ކަންތައް ކުރާތި. އޭރުން ކާފަ ކުރި މަސައްކަތަށް ވުރެ ބޮޑު މަސައްކަތެއް ތި ކުދިންނަށް ކުރެވޭނެ. އަދި އޭރުން އަމީތާބް ބައްޗަން އަށް ވީތީ ލިބޭ އުފަލަށް ވުރެ، ތި ދެ ކުދިންގެ ކާފަ އަށް ވެވުނީތީ ލިބޭ އުފަލާއި ޝަރަފު މާ ބޮޑުވާނެ.
ލޯތްބާއި އެކު،
ކާފަ.