ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެ ގައުމުން ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިދިޔަ މަހުގެ 24ގައި ސްރީލަންކާ އަށް ވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާ ވެސް އެކީގަ އެވެ.

ނަޝީދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި މަގުސަދަކީ ކޮބައިކަމެއް ނޭނގެ އެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ލަންކާ އަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަކަށް ފަހު މިއަދު ނަޝީދު އެ ގައުމު ދޫކުރައްވާފައިވާ ކަމަށެވެ.

ލަންކާ އަށް ނަޝީދު ވަޑައިގެން އެ ގައުމުގެ ޑިޕްލޮމެޓުންނާއި ސްރީލަންކާގެ ލީޑާޝިޕްގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ވެސް ނަސީމް ގެ ޓުވީޓުގައިވެ އެވެ. އަދި ކުރެއްވި އެހެން ޓުވީޓެއްގައި ރައީސް ނަޝީދު ސްރީލަންކާގެ ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ގެ ވީއައިޕީ ލައުންޖުގައި ފްލައިޓްގެ އިންތިޒާރުގައި އިންނެވި ކަމަށްވެސް ފޮޓޯއަކާ އެކު ވަނީ ހާމަކުރައްވާފަ އެވެ.

ފުލުހުން މިދިޔަ އޮގަސްޓްމަހު 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ނަޝީދު ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ދެ މައްސަލައެއްގަ އެވެ. އެއީ 2011ގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަހުގީގަށާއި ޖަލު ހުކުމަކަށް ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވާތީ ކަމަށް ފުލުހުން ބުންޏެވެ.

އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު ބޭސްފަރުވާ އަށް އިނގިރޭސިވިލާތައް ވަޑައިގެން ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސައްކަތްތައް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ލަންޑަނުގައި އުޅުއްވަމުން، ލަންކާއަށް ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދިވެހިންގެ ވެރިކަން ހޯދައިދޭން ދިވެހި ވެރިކަމަށް އެނބުރި އަންނާނެ ކަމަށާއި ރާއްޖޭގައި އިންތިގާލީ ވެރިކަމެއް ގާއިމްކޮށްދޭނެ ކަމަށެވެ. އެމްޑީޕީ ހަރުގެ ކުރިމަތީގައި އިދިކޮޅު އިއްތިހާދުން ބޭއްވި ފުރަތަމަ ޖަލްސާގައި، ލަންޑަނުގައި ހުރެ ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، ރާއްޖެ ބަދަލުވެ ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށްވެ އުފާވެރިކަން ލިބެން ޖެހޭ ކަމަށެވެ.

އެ އުއްމީދުތަކާއި އުފާވެރިކަން ހޯދައި ދިނުމަށް އެކިކުލަ އެކުވެގެން އެކަތިގަނޑެއްގެ ގޮތުގައި އުފެދި އޮތް އިދިކޮޅު އިއްތިހާދުން ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެ މަސައްކަތް ކާމިޔާބުކޮށް އެނބުރި އައިސް ރައްޔިތުންނަށް ހެޔޮވެރި ކަމެއް ކޮށްދީ އިންތިގާލީ ވެރިކަމެއް ގާއިމްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.