އޯޓިޒަމާ ބެހޭ ރަނގަޅު ތަފާސް ހިސާބެއް ރާއްޖޭގައި ހެދިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު އޯޓިޒަމް އެސޯސިއޭޝަނުން "އޯޓިޒަމް ސަންސެޓް"ގެ ނަމުގައި ބޭއްވި "ހަވީރު"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އޯޓިޒަމް ސަންސެޓް" ގައި ފިނޭންސް މިނިސްޓަރު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިނިސްޓަރު ވިދާޅުވީ އޯޓިޒަމް ހުންނަ ކުއްޖަކު ގެންގުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އޯޓިޒަމް ކުދިންގެ އަދަދު އިތުރު ވަމުންދާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި އޯޓިޒަމް ކުދިންގެ ހަވީރުގައި އެ ކުދިން ކުރަހާފައިވާ ކުރެހުންތަކާއި، އެކުދިން ތައްޔާރުކޮށްފައިވާ އެކި ޕޯސްޓަރުތައް ވިއްކުމަށް ބަހައްޓާފަ އެވެ. އެތަކެތި ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރުމަށް ނިންމާފައި ވަނީ އޯޓިޒަމް ކުދިންގެ ތެރަޕީ ތަކަށްކަމަށް އޯޓިޒަމް އެސޯސިއޭޝަން އިން ބުނެ އެވެ.

މިއަދު ބޭއްވި ހަވީރުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ވަނީ އޯޓިޒަމް ކުދިންނަށް ހާއްސަކޮށް އެ މިނިސްޓްރީގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ ލަވަ ސީޑީއެއްވެސް ހަދިޔާ ކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން އެ ސީޑީ އޯޓިޒަމް އެސޯސިއޭޝަނާ ހަވާލުކޮށްދެއްވީ މިނިސްޓަރު އަހްމަދު މުނައްވަރެވެ. އެ ސީޑީއާ އެސޯސިއޭޝަނުގެ ފަރާތުން ހަވާލުވީ އެ އެސޯސިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން އެވެ.

އޯޓިޒަމް އެސޯސިއޭޝަނުގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ކުރެހުންތަކެއް --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެ ހަވީރުގައި ގަލޮޅު މަދަރުސާގެ ދަރިވަރުންގެ ނެށުމުގެ ހަރަކާތެއްވެސް ވަނީ ހުށަހަޅައިދީފަ އެވެ. އޭގެ އިތުރުން ބޮޑުބެރުގެ އައިޓަމް ތަކެއްވެސް ހުށަހަޅައިދީފައިވެ އެވެ. އެންމެ ހާއްސަ ކަމެއްގެ ގޮތުން އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވި ދަރިވަރުން ވަނީ ލަވަ ހުށަހަޅައިދީފަ އެވެ.

"އޯޓިޒަމް ސަންސެޓް" ހަރަކާތަކީ އޯޓިޒަމް ހުންނަ ކުދިންނަށް ހޮންގްކޮންގްގެ އަނާނާ ފައުންޑޭޝަނުން ކުރިއަށް ގެންދާ އޮންލައިން އެންމެ ބޮޑު މުބާރާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބައިވެރިވެފައިވާތީ، އެ މުބާރާތުގައި ބައިވެރިވި ދަރިވަރުން ޕްރޮމޯޓް ކުރުމަށާއި، އެ ދަރިވަރުންނާއި، އެހެން ދަރިވަރުންގެ ހުނަރު ދައްކާލުމަށް ބޭއްވި ހަވީރެއް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

އޯޓިޒަމް ކުދިންގެ ހަވީރުގައި ފިނޭންސް މިނިސްޓަރުގެ އިތުރުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.