05 Sep 2016, 20:27
އިންޑިއާގެ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް (އޭޕީޓީ)އިން ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ބަލައިގެންފި އެވެ.
ސަޓާ ވެގެންގޮސްފައި މި ވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގެ އެންމެ ބޮޑެތި އޯގަނައިޒޭޝަން ތަކުން ބަލައިގަތް ނުވަތަ އެންޑޯސް ކޮށްފައިވާ ޓޫރިޒަމް ދާއިރާގެ އެންމެ ފުރަތަމަ އެވޯޑެވެ.
ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހައިރައިޒް އިން އިންތިޒާމުކުރާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް މިއަހަރު އޮކްޓޯބަރު މަހު ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުމަށް ހައިރައިޒް އިން އަންނަނީ ތައްޔާރުވަމުންނެވެ.
ދުނިޔެއަށް މަޝްހޫރު އިންޑިއާގެ ތާޖް، ލީލާ ޕްލޭސެސް ފަދަ ތަންތަން އެ އެވޯޑަށް އިންޑިއާ އިން ނޮމިނޭޓް ވެފައިވާ އިރު ރާއްޖޭން ވެސް ވަނީ ޓޫރިޒަމް ދާއިރާގެ ގިނަ އެވޯޑްތަކެއް މީގެ ކުރިން ހާސިލްކޮށްފައިވާ ގިނަ ރިސޯޓްތަކެއް އެކި ކެޓަގަރީތަކަށް ނޮމިނޭޓްވެފަ އެވެ.
އޭގެ ތެރޭގައި ސަން ސިޔާމް އާއި ހައިވޭ، ޖުމެރިއާ، ކޮންރެޑް، ދުސިޓްތާނީ، ކޯމޯ، ޕާކްހަޔަތު، ކޮކޯ ކަލެކްޝަންސް، ވިލާ، އަދާރަން އަދި ކޮންސްޓެންސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.
އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސްރީލަންކާ އިން ވެސް ވަނީ މަގުބޫލު ބްރޭންޑްތަކެއް އެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ. އޭގެ ތެރޭގައި އައިޓްކެންސްޕެންސް ހޮޓެލްސް އެންޑް ރިސޯޓްސް، ސިނަމަން، ޔުގާ އެސްކޭޕްސް، ސެރީން ޕެވިލިއަންސް، އަމާޔާ ރިސޯޓްސް، ކިންގްބްރީ، ތާޖް ސަމުދްރާ އަދި ކާސާ ކަލެކްޝަންސް ފަދަ މަޝްހޫރު ކުންފުނިތައް ހިމެނެ އެވެ.
ސަޓާ އިން އެންޑޯސްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ) އާއި ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އިން ސްރީލަންކާ (އެފްސީސީއައިއެސްއެލް) އާއި އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަންސް އިން އިންޑިއާ (އޭޓީޓީއޯއައި) އާއި ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ، އިންޑިއާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އާއި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އޭޓީއޭ) ފަދަ ފަރާތްތައް ހިމެނެ އެވެ.